ޝަހީދާ އަބްދުﷲ ސައީދު
އުމުރުން 65 އަހަރު ފުރުމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް ގާނޫނު ބާތިލުކުރަން ހުށަހަޅުއްވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އިބްރާހީމް ފަލާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އުމުރުން 30 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވެސް ކުރިމަތިލެވެން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ފާސްކޮށް މިހާރު އަމަލުކުރަމުންދާ ގާނޫނު ބާތިލުކުރުމަށް އަންނަ ހަފްތާގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެގޮތަށް ހުށަހަޅަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތި ލެވޭ އުމުރު 65 އަހަރަށް ކަނޑައަޅާފައި އޮތުމުން އެކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ގެއްލި، އެބައި މީހުންގެ ހައްގުތައް ވެސް ގެއްލިގެންދާތީ ކަމަށެވެ.
''މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ބުނާގޮތުން 65 އަހަރުން މަތިވެއްޖެ ނަމަ، ވެރިކަމަކަށް ކުރިމައްޗެއް ނުލެވޭ. އެހެން އޮތުމުން އެކަމަށް ބޭނުންވާ މީހުންނަށް ފުރުސަތު ގެއްލި، އެމީހުންގެ ހައްގުތަކެއް ވެސް ގެއްލިގެން އެބަދޭ. އެގާނޫނު ބާތިލު ކުރުމުން ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވިގެންދާނެ.'' ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވެރިކަމަށް ކުރިމަތިލުމަށް ވަކި އުމުރެއް ނޯވެއެވެ.
ފަލާހު މިހެން ވިދާޅުވި އިރު، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު ފާސްކުރުމަށް ވޯޓްދެއްވި މެންބަރުންގެ ތެރޭގައި ގިނައީ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންނެވެ.
ފަލާހުވެސް ވޯޓު ދެއްވައިގެން ފާސްކުރި އެގާނޫނު ބާތިލުކުރުމަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއިރު، އެގާނޫނު ފާސްކުރުމާއި ބެހޭ ގޮތުން ފަލާހު ވިދާޅުވީ އެއީ ކުރީގެ ހާލަތު ކަމަށާއި، މިހާރު އެ ހާލަތު ބަދަލުވެއްޖެ ކަމަށެވެ.