މި ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން، އަލަށް އުފަންވާ ކުދިންނަށް ހަދިޔާދިނުން ފެށޭ އަހަރަށް ފަސްކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަން" އަށް މިއަދު ވިދާޅުވީ މި ވައުދު ފުއްދުން ފަސްކޮށްފައިވަނީ އެކަން ކުރުމުގައި ބައެއް ޓެކްނިކަލް އުނދަގޫތައް ހުރުމުން ކަމަށާއި ކޮންމެ ކުއްޖަކަށް ބޭބީ ބޮކްސް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި މިހާރު ހިމަނާފައިވާނެކަމަށެވެ.
ހޫދު އިތުރަށް ވިދާޅުވީ މި ވައުދު ފުއްދުމަށް އަސްލު ހަމަޖެހިފައިވަނީ 100 ދުވަހުގެ ތެރޭގައި ނަމަވެސް ބޭބީ ބޮކްސްގައި ދިނުމަށް ހަމަޖެހިފައިވާ ބައެއް ތަކެއްޗަށް އެޑްޖަސްޓްމެންޓްސް ގެންނަމުން އަންނާތީ މި ވައުދު މިއަންނަ އަހަރަށް ފަސްކުރީ ކަމަށެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއި އުފަންވާ ތުއްތު ކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ "ބޭބީ ބޮކްސް" ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުގެ ވައުދުގައި ވަނީ ބުނެފަ އެވެ.