ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރ. އަތޮޅު މީދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް އާ ޖެނެރޭޓަރެއް ގެންގޮސްދޭނެ ކަމުގެ ޔަގީން ކަން ފެނެކަ ކޯޕަރޭޝަނުން ދީފައިވާ ކަމަށް އެ ރަށް ހިމެނޭ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
މީދޫގެ ގެތަކަށް ކަރަންޓުގެ މައްސަލަތައް ކުރިމަތިވެ ރަނގަޅަށް ކަރަންޓުގެ ޚިދުމަތް ނުލިބޭތާ މިހާރު ވަނީ މަހެއްހާ ދުވަސް ވެފައެވެ.
އެރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
އަމީތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެނަކައިގެ އެމްޑީއާ ބައްދަލުކުރެއްވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިނުގެންނެވި ކަމަށާއި ޗީފް ޓެކްނިކަލް އޮފިސަރާ ބައްދަލު ކުރެއްވުމުން މީދޫއަށް ޖެނެރޭޓަރެއް ގެންދާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމަށް ފެނަކައިން އަވަހަށް ހައްލެއް ހޯދައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަމީތު ވިދާޅުވިއެވެ.
މީދޫ ރައްޔިތަކު ބުނިގޮޮތުގައި މިހާރު އެެރަށަށް ކަރަންޓު ދެމުންދަނީ 150 ކިލޯވޯޓުގެ ޖަނަރޭޓަރަކުން ކަމަށާއި އޭގެން ބޭނުންކުރެވެނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދާލުމަށް ކަމަށެވެ. އަދި ރައްޔިތުން ކަނު އަނދިރީގައި ތިބޭތާ ދެ ރޭ ވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.