ޖަމާއަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީ ދިނުމުގެ ގޮތުން އިތުރު ތިން ރަށެއްގައި އެފަދަ މަޝްރޫއު ހިންގުމަށް ހޯމް މިނިސްޓްރީން އެހީ ދީފިއެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި ފައިސާގެ އެހީ ދީފައިވަނީ ރ. ކިނޮޅަހާއި ހދ.ވައިކަރަދޫ އަދި ރ. އަނގޮޅިތީމުގެ ކައުންސިލަށެވެ. އަދި އެހީ ދިނުމުގެ އެއްބަސްވުމުގައި އެރަށްތަކުގެ ކައުންސިލްތަކާއެކު ހޯމް މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހޯމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރެވެ.
އެގޮތުން އަނގޮޅިތީމަށް ފައިސާގެ އެހީ ދީފައިވަނީ އެރަށުގައި މަގުބައްތި ޖެހުމަށެވެ. އެ މަޝްރޫއަށް ޖުމްލަ 475،800 ރުފިޔާ ހަރަދުވާއިރު، މަޝްރޫއު ހިންގުމަށް ހޯމް މިނިސްޓްރީން ދޭން އެއްބަސްވީ 295،500 ރުފިޔާއެވެ. ބާކީބައި ހަރަދު ކުރާނީ ކައުންސިލުންނެވެ.
ކިނަޅޮހަށް ފައިސާގެ އެހީ ދިނުމަށް އެއްބަސްވީ އެ ރަށުގައި ހިތްފަސޭހަ މައިޒާނެއް ހެދުމަށެވެ. ކިނަޅޮހު ''ބަތޫތާ މަންޒިލް''ގެ ފޭސް ދޭއް ހެދުމަށް ހޯމް މިނިސްޓްރީން އެރަށު ކައުންސިލަށް ދީފައިވަނީ 298،953 ރުފިޔާއެވެ. އަދި މަޝްރޫއަށް ކިނަޅޮހު ކައުންސިލުން 180،000 ރުފިޔާ ހަރަދު ކުރާނެއެވެ.
ހޯމް މިނިސްޓްރީ އިން ވައިކަރަދޫއަށް ފައިސާގެ އެހީ ދިނުމަށް އެއްބަސްވުމުގައި ސޮއިކުރީ އެރަށުގެ ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަސައްކަތަށެވެ. މި މަޝްރޫއަށް މިނިސްޓްރީގެ ފަރާތުން 300،000 ރުފިޔާ ދޭން ނިންމިއިރު، ވައިކަރަދޫ ކައުންސިލުން އެ މަޝްރޫއަށް 55،540 ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމް މިނިސްޓްރީ އިން ޖަމާއަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީ ދިނުމުގެ ގޮތުން 17 ރަށަކަށް ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މިއަދު ސޮއިކުރި ތިން ރަށާއެކު މިހާތަނަށް 10 ރަށެއްގެ ކައުންސިލަކަށް ހޯމް މިނިސްޓްރީ އިން ފައިސާގެ އެހީ ދިނުމަށް އެއްބަސްވެފައެވެ.