ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން މިހާރު ދޭންފަށާފައިވާ ތެރަޕީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިދާނެ ގޮތަކާމެދު ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކަމަާބެހޭ ދާއިރާތަކުގެ އިސް ފަރާތްތަކާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ މިއަދުގެ ހެނދުނު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި، އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީގެ އިތުރުން އެންސްޕާ އަދި އާސަންދައިގެ ފަރާތުން އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ފެށިގެންދާއިރު އެސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާގައިވެސް ތެރެޕީގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުންނާއި، މާބަނޑު ދުވަސްވަރުން ފެށިގެން ކުއްޖާގެ އުމުރުން ފަސް އަހަރު ވަންދެން ކުދިންގެ ހެދިބޮޑުވުމުގެ ކަންކަން ހަރުދަނާގޮތެއްގައި މޮނީޓަރ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.