ޖުޑީޝަލް އެކެޑަމީގެ ޗާންސެލަރު އަހްމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް އިސްލާހު ގެނައުމަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޖޭއެސްސީގެ ގާނޫނަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި، އެ ބިލު ފާސްވުމާއެކު ޖުޑީޝަލް އެކެޑަމީ އުވޭނެއެވެ.
އެ ބިލު ފާސްވުމާއެކު ޖުޑީޝަލް އެކެޑަމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތްތަކާއި ހުރިހާ ވަސީލަތްތަކާއި ޒިންމާތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދަށަށް ބަދަލުވާނެ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ. ޖޭއެސްސީއަށް ގެންނަ އިސްލާހުގައިވާ ގޮތުން ޖުޑީޝަލް އެކެޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ.
ޖުޑީޝަލް އެކެޑަމީގެ ޗާންސެލަރުގެ މަގާމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ތާއީދާއެކު އައްޔަންކުރާ މަގާމެކެވެ. އެހެންކަމުން އެ ބިލު ފާސްވުމާއެކު 2015 ވަނަ އަހަރު ޖުޑީޝަލް އެކެޑަމީގެ ޗާންސެލަރުގެ މަގާމަށް އައްޔަންކުރެވުނު މާޖިދުގެ މަގާމު ގެއްލޭނެއެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ގެންދިއުމަށް ހުށަހެޅި އިސްލާހު ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި އިދާރާއެއް އުފެދި، ޑީޖޭއޭގެ އިދާރީ މުވައްޒަފުންނާއި މަސައްކަތްތަކާއި ހުރިހާ ވަސީލަތްތަކާއި ޒިންމާތައް އެ އިދާރާއަށް ބަދަލުކުރެވޭނެއެވެ.
އަދި އެ އިސްލާހު ފާސްވުމާއެކު ޑީޖޭއޭގެ އިދާރީ އެންމެ އިސް ފަރާތް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރެވޭނެއެވެ. އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ ބާރު ލިބޭނީ ޖޭއެސްސީއަށެވެ. ޖޭއެސްސީން އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުން، މިހާރު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ގެއްލޭނެއެވެ.