ޖުޑީޝަލް ސާވިސް ކޮމިޝަން

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެވޭ އުމުރު 30 އަށް ކުޑަކުރަން ކޮމިޓީން ފާސްކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް ކުރިމަތިލެވޭ އުމުރު 30 އަށް ކުޑަކުރަން ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެވޭ އުމުރު 40 އަށް ބަދަލުކުރުމަށް ޖޭއެސްސީގެ ގާނޫނަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އިސްލާހު ހުށަހެޅުއްވި ނަމަވެސް، އެކަމާ ބާ ކައުންސިލުންނާއި ގިނަ ވަކީލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ކޮމިޓީގައި ދިރާސާކޮށް އެ ހުށަހެޅުމަށް ބަދަލު ގެނެސްފައިވަނީ ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެވޭ އުމުރު 30 އަށް ބަދަލުކުރުމަށެވެ. އޭގެ އިތުރުން މެމްބަރުކަމަށް ކުރިމަތިލާ މީހަކީ ވަކީލެއް ނަމަ، އޭނާއަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ޖޭއެސްސީއަށް އައްޔަންކުރާ ވަކީލަކު އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށް ބިލުގައި ކުރިން އޮތް ނަމަވެސް، އެ މާއްދާއަށް ވަނީ ބަދަލު ގެނެސްފައެވެ. އެއީ ބަންޑާރަ ނައިބަށް ކޯޓުތަކުގައި ވަކާލާތު ކުރެވޭ ގޮތަށް ގެނައި ބަދަލެވެ.

އޭގެ އިތުރުން ޖޭއެސްސީގެ ރައީސާއި ނައިބު ރައީސްކަމުގެ މަގާމުން ދުރުކުރެވޭނެ ގޮތްތަކެއް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ރައީސާއި ނައިބު ރައީސް ވަކިކުރަން ހުށަހަޅައި، ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ، މަގާމުން ވަކިވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އަދި ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމުން، އެ މައްސަލަ އެއްވެސް ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.