ޖެންޑާ މިނިސްޓްރީގެ ފަރާތުން މަގުމަތިވެ ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ މުސްކުޅި އަންހެނަކު ހޯދަން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީން އޭނާ ހޯދަން ފެށީ، "ޒިރްކޯން" ނަމަކަށް ކިޔާ ގެއަކާ ޖެހިގެން ހުރި ގޯޅިގަނޑެއްގެ ފާރުގައި ލެގިލައިގެން އެ އަންހެން މީހާ އިން ފޮޓޯއެއް ޓުވިޓަރުގައި މީހަކު ހިއްސާ ކުރުމުންނެވެ.
އެ ފޮޓޯއިން އެ މުސްކުޅި މީހާގެ މޫނުމަތިން ކަންބޮޑުވުމާއި ހިތާމަވެރިކަން ފެންނައިރު ބުރުގާ އަޅާއިގެން އެ އަންހެން މީހާ އިނީ ފައިވާނަކަށް ވެސް ނާރައެވެ.
އަންހެން މީހާގެ މައުލޫމާތު ޓުވިޓަރުގައި ހިއްސާކުރި މީހާއަށް ޝުކުރުއަދާކޮށް އޭނާއަށް ޖަވާބު ދެމުން ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން (އެފްސީޕީޑީ) އެ އަންހެން މީހާ ހުރި ކަމަށް ބުނި ސަރަހައްދު ބަލާފައިވާ ކަމަށެވެ.
ނަމަވެސް އަދި އޭނާ ފެނިފައިނުވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެނގޭނަމަ 1412 އާ ގުޅުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.