ހައިކޯޓު

ޝިހާމު މަރާލެވުނުއިރު ހުރީ މަސްތުގެ ހާލަތުގައި، މައާފަށް އެދެން: ގާތިލް

ޝަހީދާ އަބްދުﷲ ސައީދު

ކ. ތުލުސްދޫ ބިޖިލީއުފާ އަލީ ޝިހާމަށް ވަޅިން ހަމަލާދީ މަރާލެވުނީ މަސްތުގެ ހާލުގައި ހުރުމުން ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް އޭނާ މަރާލި އެ ރަށު ރެޑްރޯސް، މުހައްމަދު ނިޔާޒު ބުނެފިއެވެ.

ނިޔާޒަކީ ޖުލައި 31، 2014 ވަނަ ދުވަހުގެ ރޭ ޝިހާމް މަރާލި މައްސަލައިގައި މެރުމަށް ކްރިމިނަލް ކޯޓުން 2014 ވަނަ އަހަރުގެ ތެރޭގައި ހުކުމްކޮށްފައިވާ މީހެކެވެ. އެ ހުކުމް ނިޔާޒުގެ ފަރާތުން އިސްތިއުނާފު ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

މިއަދުގެ އަޑުއެހުމުގައި ނިޔާޒު އިނީ ވަކީލަކާ ނުލައި އެކަންޏެވެ. އަދި ދަށު ކޯޓުގައި ވެސް ވަކީލެއްގެ ފުރުސަތު ބޭނުން ނުކުރީ ކީއްވެގެންތޯ އިސް ފަނޑިޔާރު ޝުއައިބް ހުސައިން ސުވާލު ކުރުމުން، ނިޔާޒު ބުނީ، އޭނާ ކުށަށް އިއުތިރާފްވުމަށްފަހު އިތުރު ދޮގު ތަކެއް ހަދަން ބޭނުންނުވާތީ ވަކީލަކު ބޭނުން ނުކުރީ ކަމަށެވެ.

އެގޮތުން އަޑުއެހުމުގައި ވާހަކަދެއްކުމަށް ނިޔާޒަށް ފުރުސަތު ދިނުމުން އޭނާ ބުނީ، ޝިހާމު މަރުވީ އޭނާ ވަޅިއަކުން ހަމަލާ ދިނުމުން ކަމަށެވެ. އެކަމަކު އެއީ މަރާލުމުގެ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އަދި އެކަމަށް ޝިހާމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް ބުންޏެވެ.

ޝިހާމުގެ ވާރިސުންގެ ތެރެއިން އޭނާގެ ބައްޕަ ފަރާތު މާމަ އާއި އޭނާގެ އަންހެނުން، ގިސޯސް ހިފަން ބޭނުން ކަމަށް ބުނެފައިވާތީ އާއި އަދި ބާލިޣުނުވާ އޭނާގެ ދެ ދަރިންގެ ފަރާތުން އޭނާގެ އަންހެނުން ވެސް މަރަށް މަރުހިފަން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

މަރުގެ މައްސަލަތަކުގައި، ބާލިޣުނުވާ ކުޑަކުދިން ތިބިނަމަ، އަމަލުކުރާނެ ގޮތަކާމެދު އެކުދިންގެ ފަރާތުން އެކުދިންގެ މަންމައަށް ގޮތެއް ނިންމިދާނެ ކަމަށް މާލިކީ މަޒުހަބުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ޝުއައިބު ވިދާޅުވިއެވެ.

ފަނޑިޔާރު ޝުއައިބުގެ އެ ނުކުތާ ސާފުކޮށްދެއްވުމަށް އެދިވަޑައިގެން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ނިޔާޒު ވިދާޅުވީ ގާނޫނު އަސާސީގައި އޮންނަނީ އެފަދަ މައްސަލަތަކުގައި މަޒުހަބްތަކުގެ ރައުޔު ހޯދުން ނޫން ކަމަށާއި ގާނޫނު އަސާސީގައި ބުނެފައިވަނީ، އިތުބާރު ހިފޭ އިލްމުވެރިންގެ ބަސް ހޯދުން ކަމަށެވެ. އެހެންކަމުން ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލުން އެދިފައިވަނީ އެކަން ސާފުކޮށްދިނުމަށް އިތުރު އަޑުއެހުމެއް ބާއްވައި ދިނުމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމީ މަރުގެ މައްސަލައަކަށް ވުމާއި އެކުގައި އެކަމަކީ ދިރާސާތަކެއް ކޮށްގެން ވަގުތު ބޭނުންވާނެ ކަމަކަށް ބެލެވޭތީ އިތުރު ވަގުތު ދިނުމަށްފަހު އަޑުއެހުމެއް ބޭއްވުމަށެވެ.