އެމްޓީސީސީ

އެމްޓީސީސީ އިން ފ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށައިފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފ. އަތޮޅުގައި ލިންކު ފެރީގެ ހިދުމަތް ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ފ. އަތޮޅުގެ ރަށްތަކަށް އެ ކުންފުނިން ލިންކު ފެރީގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު އެ އަތޮޅަށް ފެރީގެ ހިދުމަތް ދޭނެ ކަމަށެވެ.

ފ. އަތޮޅުގައި އެމްޓީސީސީ އިން ފެރީގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ފ. ފީއަލިން ފެށިގެން ފ. ނިލަންދޫ އަށެވެ. އެގޮތުން ފެރީ ދަތުރު ކުރަން ހަމަޖެހިފައިވަނީ ފ. ފީއަލި - ފ. ބިލެއްދޫ - ފ. މަގޫދޫ - ފ. ދަރަނބޫދޫ އަދި ފ. ނިލަންދޫއަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފ. އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް އެމްޓީސީސީގެ ލިންކް ފެރީގެ ހިދުމަތް ދޭނީ ދަތުރަކަށް 20 ރުފިޔާއަށެވެ. އަދި އެ ދަތުރުތަކަށް 100 މީހުންގެ ޖާގައިގެ ފެރީއެއް ބޭނުންކުރާއިރު، އޭގައި ބައިސްކަލުގެ އިތުރުން ލުއި ލަގޭޖް ގެންދެވޭނެއެވެ.

އެމްޓީސީސީ އިން މިހާރު ވެސް ދަނީ ޖުމްލަ ހަ ޒޯނަކަށް ލިންކު ފެރީގެ ހިދުމަތް ދެމުންނެވެ. އެ ކުންފުނިން އެންމެ ފަހުން ފެރީގެ ހިދުމަތް ދޭން ފަށާފައިވަނީ ދ އަތޮޅަށެވެ. އެ އަތޮޅަށް ހިދުމަތް ދޭން ފަށާފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ.