އެންވަޔަރަނަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ

ދެ ރަށަކުން ރުއް ކެނޑި މައްސަލައިގައި ފިޔަވަޅު އަޅައިފިން – އީޕީއޭ

އަހުމަދު ޖައިޝަން

ދާދި ފަހަކުން ރާއްޖޭގެ ބައެއް ރަށްތަކުން ގިނަ އަދަދަކަށް ރުއް ގަސް ކަނޑާ މައްސަލައާ ގުޅިގެން މިހާތަނަށް ދެ ރަށެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީ އާއި އީޕީއޭ އިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ މިހާތަނަށް ދ. އަތޮޅު ރިނބުދޫ އާއި ށ. ޅައިމަގުން ރުއް ކެނޑި މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ނައީމް ވިދާޅުވީ ރަށްތަކުން ގަވާއިދާ ހިލާފަށް ރުއް ކަނޑަމުން ގެންދާ މައްސަލަ މިހާރުވެސް ގެންދަނީ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން ކަމަށެވެ.

ރިނބުދޫއިން ރުއް ކެނޑި މައްސަލައާ ގުޅިގެން އެ މައްސަލަ ބަލާ ނިންމާފައިވާއިރު ށ. ޅައިމަގުގެ މައްސަލައިގައި ބައެއް ފަރާތްތަކަށް ފިޔަވަޅު އެޅިއިރު އަދިވެސް އެ މައްސަލަ ދަނީ ބަލަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީގެ އެންވަޔަރަންމެންޓް ޑިޕާޓްމެންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޒާހިރު ވިދާޅުވީ ދާދި ފަހުން ރާއްޖޭގެ ނުވަ ރަށަކުން ގަވާއިދާ ހިލާފަށް ރުއް ކެނޑި ކަމުގެ މައްސަލަ ފެންމަތި ވެފައިވާ ކަމަށެވެ. އެއީ ށ. ޅައިމަގާއި ށ. މިލަންދޫ އާއި ށ. މާކަނޑޫދޫ އާއި ނ. މާފަރާއި ޅ. މާމަޑުއްވަރީ އާއި ރ. ރަސްގެތީމާއި ބ. ފުޅަދޫ އަދި ދ. ބަނޑިދޫ އެވެ.

ޒާހިރު ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައިވާގޮތުން ރާއްޖޭގެ ތިމާވެށީގެ ހިމާޔަތް ކުރުމުގެ މަސައްކަތަކީ ހަމައެކަނި އެ މިނިސްޓްރީގެ މަސައްކަތް ނޫން ކަމަށާއި އެއީ ދައުލަތުގެ ހުރިހާ ފަރާތްތަކުންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.