ތިން ރަށެއްގެ ތިން މަޝްރޫއެއް ހިންގުމަށް އެހީދިނުމަށް އެރަށްރަށުގެ ކައުންސިލާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިއަދު ސޮއިކޮށްފިއެވެ.
ފައިސާގެ އެހީދިނުމަށް މިއަދު ސޮއިކުރީ ޅ. އޮޅުވެލިފުށީ ކައުންސިލާއި، އއ.ފެރިދޫ ކައުންސިލާއި، ފ. މަގޫދޫ ކައުންސިލާ އެކުއެވެ.
ހޯމް މިނިސްޓްރީ އިން ބުނީ އޮޅުވެލިފުށި ގަބުރުސްތާން ވަށާފާރު ރޭނުމަށް އެއްބަސްވުމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ 235،643.75 ރުފިޔާ ކަމަށާއި އޮޅުވެލިފުށި ކައުންސިލުން މިމަޝްރޫއަށް 77،209.75 ރުފިޔާ ހަރަދުކުރާނެ ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ. އަދި އޮޅުވެލިފުށި ކައުންސިލްގެ ފަރާތުން ނައިބުރައީސް އަބުދުލް އަޒީޒު މުހައްމަދެވެ.
އއ.ފެރިދޫ ކައުންސިލާއެކު އެރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ފައިސާގެ އެހީދުނުމަށް ސޮއިކޮށްފައިވާއިރު މި މަޝްރޫއަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 ރުފިޔާ ކަމަށާއި ފެރިދޫ ކައުންސިލުން 400،000.00 ރުފިޔާ ހަރަދުކުރާނެކަމަށްވެސް ހޯމް މިނިސްޓްރީިން މައުލޫމާތުދެއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު ނަޒީރު އަދި ފެރިދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ނައިބުރައީސް އަބުދުލް މަޖީދު މޫސާއެވެ.
ފ. މަގޫދޫ ކައުންސިލާއެކު ސޮއިކޮށްފައިވަނީ އެރަށު މަގުބައްތި މަރާމާތުކުރުމަށް ފައިސާގެ އެހީދިނުމަށެވެ. ހޯމް މިނިސްޓްރީން ބުނީ މަގުބައްތި މަރާާތުކުރުމަށް މިނިސްޓްރީގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 ރުފިޔާކަމަށާއި މަގޫދޫ ކައުންސިލުން މި މަޝްރޫއަށް 382،000.00 ހަރަދުކުރާނެ ކަމަށެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނަޒީރު އަދި މަގޫދޫ ކައުންސިލްގެ ފަރާތުން ރައީސް އަބުދުﷲ ވަހީދެވެ.
ހޯމް މިނިސްޓްރީން ވަނީ މީގެ ކުރިން ތ.ވިލުފުށި، ނ.ކުޑަފަރި، އއ.ހިމަންދޫ އާއި ނ.ހޮޅުދޫއާ އެކު އެހީދިނުމުގެ މަޝްރޫއު ގައި ސޮއިކޮށްފައެވެ.
ހޯމް މިނިސްޓްރީ އިން ޖަމާއަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީ ދިނުމަށް ކުރިއަށް ގެންދާ މި މަޝްރޫގެ ދަށުން ޖުމްލަ 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ގަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ.
ރަށްތައް ކަނޑައެޅީ އާއްމުކޮށް ހުޅުވާލައި ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންކަމަށް ހޯމް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.