މަސްވެރިކަން

ހަތް ބާވަތެއްގެ މަސްވެރިކަން މަނާކޮށް، މަސް ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅޭގޮތަށް ބިލު ހުށަހަޅައިފި

އިބްރާހިމް ޒަކީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، ހަތް ބާވަތެއްގެ މަސްވެރިކަން ކުރުން މަނާކޮށް، މަސް ވިއްކޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅޭ ގޮތަށް މަސްވެރިކަމާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ، އިހަވަންދޫ ދައިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

މި ބިލުގެ 21 ވަނަ މާއްދާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ބޮޑު ދަލުގެ މަސްވެރިކަން، އޮޔާދާ ދަލުގެ މަސްވެރިކަން، ދަމާ ދަލުގެ މަސްވެރިކަން، އަމިއްލަ ބޭނުމަށްކުރާ މަސްވެރިކަމާއި އެެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުން، ދޫކުރާ ދަގަނޑު ބޭނުންކޮށްގެން ކުރާ މަސްވެރިކަން، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަންކުރުން އަދި ރޮދުލުމެވެ.

މަނާކޮށްފައިވާ މަސްވެރިކަން ކުރާ ފަރާތްތައް ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

މި ބިލުގައިވާގޮތުން، ފިޝަރީޒް މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެތި، ނުވަތަ ލައިސަންސްގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ ހިލާފަށް މަސް ޕްރޮސެސްކުރާތަނެއް، ނުވަތަ އޯފްޝޯ ޕްލެޓްފޯމެއް، ނުވަތަ އައިސް ޕްލާންޓެއް ގާއިމް ކޮށް ހިންގުމަކީ ވެސް މަނާ ކަމެކެވެ.

އެފަދަ ކުށެއް ކޮށްފިނަމަ ހަތަރުލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލުގައި ބުނާގޮތުން ފިޝަރީޒް މިނިސްޓްރީން ދޫކުރާ ލައިސަންސް ހޯދުމަކާނުލައި ނުވަތަ ލައިސަންސްގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ ހިލާފަށް އެކުއަކަލްޗާ ކުރުމާއި އެއާ ގުޅުންހުރި ހަރަކާތެއް ހިންގުމަކީ ވެސް މަނާކަމެކެވެ.

އެފަދަ ފަރާތްތައް ދެލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ހިމަނާފައިވެއެވެ.

ބިލުގައި ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޯޓު ފަހަރު ޖޫރިމަނާ ކުރުމަށް ވަނީ ހިމަނައިފައެވެ.

މި ބިލުގައި ރާއްޖޭގައި ކުރާ ކޮންމެ ބާވަތެއްގެ މަސްވެރިކަމަކަށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުން ލާޒިމްކޮށް، މޮނިޓަރ ކުރުމަށް ފުލުހުންނަށާއި ސިފައިންނަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.

އެގޮތުން މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިން ކޮންޓްރޯލް އަދި ސަރވޭލަންސްއާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާޑާއި، ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން ތަންފީޒު ކުރަން ޖެހޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ސިފައިންގެ ކޯސްޓްގާޑާއި ފުލުހުންގެ ކޮންމެ އޮފިސަރަކީ މަސްއޫލިއްޔަތު އަދާކުރުމަށް އައްޔަންކުރެވިފައިވާ ތަންފީޒީ އޮފިސަރެއް ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުންނަށް ގާނޫނުގެ ދަށުން ލިބިދޭ ބާރުތަކުގެ ތެރޭގައި މަސްވެރިކަމުގެ ލައިސަންސް ނުވަތަ އެފަދަ އެނޫންވެސް ލިޔެކިޔުމެއް ދެއްކުމަށް އަންގައި ބަލައިފާސްކުރުމުގެ ބާރާއި އެއްވެސް ބާވަތެއްގެ މަސް ބާނަން ބޭނުންކުރާ ދާ ނުވަތަ އެނޫންވެސް އާލާތެއް ދެއްކުމަށް އަންގައި ބަލައި ފާސްކުރެވޭނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އެއްވެސް ތަނެއްގައި ގާނޫނާ ހިލާފަށް ބާނާފައިވާ މަސް ރައްކާތެރިކޮށްފައިވާކަމަށް ގަބޫލުކުރެވޭނަމަ އެތަންތަނަށް ވަދެ ފާސްކުރުމުގެ ބާރުވެސް ލިބިދީފައިވެއެވެ.

މަސްވެރިކަމާގުޅޭ އުޅަނދުތަކާއި މަސް ބޭނުމަށްފަހު އެއްތަނުންއަނެއްތަނަށް ގެންދިއުމާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމުގެ މަސައްކަތަކުގެ ތެރެއިން ފުލުހުން ބަލަން ބޭނުންވާ ކަންކަން ބަލައިފާސްކުރުމުގެ ބާރު ލިބިދީފައިވެއެވެ. އަދި ތަންފީޒީ އޮފިސަރަށް ކޯޓު އަމުރަކާ ނުލައި މަސްދޯނިފަހަރަށާއި މަސް ފެކްޓްރީތަކަށާއި އައިސް ޕްލާންޓްތައް ފަދަ ތަންތަނަށް ވަދެ ބަލައިފާސްކުރުމުގެ ބާރުވެސް ބިލުން ލިބިދީފައިވެއެވެ.

މި ބިލުގެ ދަށުން ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ބޭރުގެ މަސްވެރި އުޅަނދެއްނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހުއްޓުވައި، ފާސްކުރުން ހިމެނެއެވެ. އަދި މަސްވެރިކަމުގެ އުޅަނދުތަކާއި އެ އުޅަނދުތަކުގައި ބޭނުންކުރާ އެންމެހައި އާލާތްތަކަކީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ހުރި އާލާތްތޯ ކަށަވަރުކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.