ރާއްޖެއިން ޗައިނާއަށް ކަނޑައެޅި އާ ސަފީރު އައިޝަތު އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު ރަސްމީކޮށް އަރުވައިފި އެވެ.
އަޒީމާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދުގެ ހެނދުނު ޗައިނާގެ ފޮރިން މިނިސްޓްރީގެ ފޮރިން މިޝަންސް އޮފީހުގެ ޑައިރެކްޓަރު އަދި ޕްރޮޓޮކޯލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ވާންގް ލުޓޮންގްއެވެ.
ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ސަފީރު އައިޝަތު އަޒީމާ ވަނީ މިމަހުގެ 16 ވަނަ ދުވަހު ޗައިނާގެ ކެޕިޓަލް ސިޓީ، ބެއިޖިންގް އަށް ވަޑައިގެންފައެވެ.
އަޒީމާ ސަފީރު ކަމަށް އައްޔަނު ކުރީ މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.
އަޒީމާއަކީ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަޒީމާ ވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގެ އެކި ފަންތީގެ މަގާމުތައް ފުރުއްވައި، ރާއްޖެއާއި ބޭރުގެ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރައްވައިފައެވެ.