އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީން ޗެލްސީ ހިފަހައްޓައިފިއެވެ.
ޗެލްސީގެ އަމިއްލަ ދަނޑު ސްޓެމްފަޑް ބްރިޖުގައި ރޭ ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެ މެޗުގެ ކުރީކޮޅު ޗެލްސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު މޭސަން މައުންޓެވެ.
ޗެލްސީގެ ލަނޑަށްފަހު ފުރަތަމަ ހާފުގެ ތެރޭގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ލެސްޓާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 67 ވަނަ މިނެޓުގައެވެ. ޖޭމްސް މެޑިސަން ނަގައިދިން ކޯނަރަކުން ލެސްޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ މިޑްފީލްޑަރު ވިލްފްރެޑް އެންޑިޑީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
އެ ލަނޑަށްފަހު ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ ލެސްޓާގެ ފަރާތުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގައި ލެސްޓާއަށް ލީޑު ހޯދުމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި މެޑިސަން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔަ އިރު، އޭގެ ހަތަރު މިނެޓު ފަހުން ޖޭމީ ވާޑީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ލީގުގައި ޗެލްސީއަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ވަނީ 4-0ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އެ މެޗަށްފަހު ކުޅުނު ޔޫއެފާ ސުޕާ ކަޕްގެ މެޗުގައި ލިވަޕޫލް އަތުން ޗެލްސީ ބަލިވީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.