ޚަބަރު

އޮންލައިންކޮށް ބޭސް ގަނެ، ވިއްކުމަކީ މަނާ ކަމެއް: ހެލްތު މިިނިސްޓްރީ

ފަތޯނާ ފާއިޒު

އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް އަދި ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރުމަކީ މަނާ ކަމެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބޭހާއި ބެހޭ ގަވާއިދަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ 613 ގައިވާ ގޮތުން، އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރެވޭނީ ސައްހަ ބޭސް ސިޓީއެއް އޮވެގެން ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ ވިޔަފާރީގެ ބޭނުމަށްވެސް އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ.

އެފަދަ ގޮތް ގޮތަށް އެތެރެ ކުރާ ބޭސްތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށް އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭހެއް ނޫން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ބައެއް ބޭހުގައި އެކުލެވިގެންވާ ހުރިހާ މާއްދާތައް ލޭބަލްގައި ހިމަނާފައި ނުވާތީ ބޭހުގައި އެކުލެވިގެންވާ މާއްދާތައް ކިޔަން އެނގޭނެ ގޮތަށް ލޭބަލްތަކުގައި ނުހުންނަ ކަމަށްވެސް ހެލްތު މިނިސްޓްރީގެ އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހެލްްތު މިނިސްޓްރީން ބުނީ، އަމިއްލަ ބޭސް އެތެރެ ކުރުމުގައި ނަގަން ޖެހޭ ހުއްދަތައް ނުނަގައި އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.