ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު 37 މިލިއަން ރުފިޔާ ދެއްވި ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ބެލެވޭ އަދީބު، ރިޝްވަތުގެ ގޮތުގައި ރައީސް ސޯލިހަށް ފައިސާ ދެއްވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވިއިރުއެވެ.
އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓުގައި 37 މިލިއަން ރުފިޔާގެ ނަގުދު ފައިސާއާ ރައީސް ހަވާލުވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ ހާޒިރުގައި ކަމަށް ވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަން" އަށް މިއަދު ވިދާޅުވީ، ރައީސް ސޯލިހާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ އެފަދަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
އެގޮތުން އަނިލް އާއި ޑރ. ޝައިނީ އެއްކޮށް ދުވަހަކު ވެސް ރައީސް ސޯލިހާ ބައްދަލުވެފައި ނުވާނެ ކަމަށާއި ޑރ. ޝައިނީ އާއި ރައީސް ބައްދަލު ކުރެއްވީ އެންމެ ފަހަރަކު ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކުރީގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކާއެކު ބޭއްވި އޯލްޕާޓީ ޓޯކްސްގެ މަޝްވަރާތައް ކުރިއަށްދިޔައިރު އެކަނި ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުވައިގެން ރައީސް ސޯލިހަށް މީގެކުރިން ވެސް ތުހުމަތުތަކެއް އަމާޒުވިއެވެ. ރައީސް އޮފީހުން ވަނީ އެ ވާހަކަތައް ވެސް ދޮގު ކޮށްފައެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅިގެން ރައީސް ސޯލިހު އަދި އެއްވެސް އެއްޗެއް މީޑިއާއަކަށް ވިދާޅުވެފައެއް ނުވެއެވެ.