ޚަބަރު

ކައުންސިލަރުންގެ ދައުރު ހިމެނޭގޮތަށް އެލްޖީއޭގެ ބޯޑު ބަދަލުކުރަންޖެހޭ ކަމަށް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކައުންސިލަރުންގެ ދައުރު ހިމެނޭގޮތަށް، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބަދަލު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ކޮމިޓީން މިގޮތަށް ހުށަހަޅާފައިވަނީ، އެލްޖިއޭ އިން ކައުންސިލަރުން ސަސްޕެންޑް ކުރުމާއި، ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރަމުންދާ އުސޫލުތަކާއި މިންގަނޑުތައް ދިރާސާކުރުމަށްފަހު މަޖިލީހަށް ހުށަހެޅި ރިޕޯޓްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި، ކައުންސިލަރުން ޒިންމާދާރު ކުރުވުމުގެ ކަންކަން ތަފްސީލްކޮށް ގާނޫނުގައި ބަޔާންކޮށްފައި އޮންނަންޖެހޭ ކަމަށް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން އެ އެލްޖީއޭގެ ބާރުތަކާއި މަސްއޫލިއްޔަތުތައްވެސް ގާނޫނުގައި ތަފްސީލް ކުރަންޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.

ކޮމިޓީ ރިޕޯޓްގައި، އެލްޖީއޭގެ ގާނޫނުން ލިބިފައިނުވާ ބާރުގެ ބޭނުންކޮށްގެން ކޮށްފައިވާ ކަންކަމާއި ލާމަރުކަޒީ ނިޒާމުގެ މަފްހޫމާ ހިލާފަށް ކޮށްފައިވާ ކަންކަން ބެލުމަށްވެސް ވަނީ ހިމަނައިފައެވެ.

އެލްޖީއޭއިން ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަންކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ، މިދިޔަ ފަސް އަހަރެއްހާ ދުވަހު އެލްޖީއޭއިން މަސައްކަތް ކުރީ ވާދަވެރި ސިޔާސީ ނިޒާމު ނައްތާލަން ކަމަށެވެ. އަދި ގާނޫނުން ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެން، ވަކިވަކި ހާދިސާތަކުގެ އިތުރުން ވަކިވަކި ކަންކަމަކާ ގުޅިގެން އުސޫލުތަކާއި ސާކިއުލާތައް އެލްޖީއޭ އިން ހަދާފައިވާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.