ޚަބަރު

ސިއްރު ފެންފުށީގައި ބެހެއްޓި ބުދުތައް ނަގައި، ކޮރެލިއަމް ހުސްކޮށްފި

ސިއްރު ފެންފުށި ރިސޯޓުގައި ބެހެއްޓި ބުދުތައް ފަސް ގަޑިއިރު ތެރޭގައި ނެގުމަށް އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ދިވެހި ފުލުން ގޮސް އެތަނުގައި ބެހެއްޓިފައިވާ އިންސާނެއްގެ ސޫރަ ސިފަވާގޮތަށް ހަދާފައިވާ ބުދުތައް ނަގައި، ކޮރެލިއަމް ހުސްކޮފިއެވެ.

ފުލުުހުން ބުނެފައި ވަނީ ސިއްރު ފެންފުށީގައި އިންސާނުންގެ ސޫރު ސިފަވާގޮތަށް ބެހެއްޓިފައިވާ ސްކަލްޕްޗާތައް ނަގައި މިއަދު ހަވީރު 5:45ގައި އެތަން އެއްކޮށް ހުސްކުރެވިފައިވާ ކަމަށެވެ. އިއްޔެ ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތަށް، ފަސް ގަޑި އިރު ތެރޭގައި ބުދުތައް ނުނެގުމުން ފުލުހުން ރޭ ބުނެފައިވަނީ މިއަދު ބުދުތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ސޮއިކުރައްވާ އިއްޔެ ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ސިއްރު ފެންފުށި ރިސޯޓުގައި ބަހައްޓާފައިވާ ކޮރެލިއަމަކީ އިސްލާމް ދީނުގެ ވަހުދަތާއި ދިވެހި ދައުލަތުގެ ސުލްހަ މަސްލަހަތާއި ނިޒާމު އާންމާ ހިލާފުވާ ގޮތަށް ހަދާފައިވާ ތަނެއްކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި އިސްލާމް ދީނުގެ ފަސް މަގުސަދު ހިމާޔަތް ކުރުމުގެ އަސާސްތަކުގެ މައްޗަށް ބަލާ އިރު، އެފަދަ ކަމަކަށް ހުއްދަކުރެވެން ނޯންނާނެ ކަމަށްވެސް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ.

އޭގެ އިތުރުންވެސް އިއްޔެ މެންދުރު 13:30 އިން ފެށިގެން ފަސް ގަޑިއިރުގެ ތެރޭގައި ބުދުތައް ނެގުމަށް ދައުވާ ލިބޭ ޖީބީއެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކުރާ ކަމަށާއި، އެ އަމުރު ކުރެވުނު ވަގުތުގެ ތެރޭގައި އެތަކެތި ދައުވާ ލިބޭ ފަރާތުން ނަގާފައިނުވާނަމަ، ވަގުތު ހަމަވާ ވަގުތުން ފެށިގެން އެ ތަކެތި ނަގަންފަށައި، ހަތް ދުވަހުގެ ތެރޭގައި އެތަކެތި ނަގައި ނިންމުމަށާއި ދައުލަތުން ކަނޑައަޅާ ގޮތެއްގެ މަތީން އެތަކެތި ނައްތާލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މައްޗަށް އަންގާ އަމުރު ކުރާ ކަމަށްވެސް އަލީ އަބްދުﷲ ނެރުއްވި އަމުރުގައިވެއެވެ.