ޖަމާއަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީ ދިނުމަށް ހަތަރު ރަށެއްގެ ކައުންސިލާއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސޮއިކޮށްފި އެވެ.
ޖަމާއަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީ ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ނިންމާފައިވާ އިރު މިއަދު ވަނީ ދެ ރަށަކަށް ފައިސާގެ އެހީ ދިނުމަށް ސޮއިކޮށްފައެވެ. އެއީ ތ. ވިލުފުށީގެ އިތުރުން ނ. ކުޑަފަރީ ކައުންސިލާ އެކުއެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީން އއ. ހިމަންދޫ އާއި ނ. ހޮޅުދޫގެ ކައުންސިލާއެކުވެސް މި މަޝްރޫއުގެ ދަށުން އެއްބަސް ވުމެއްގައި ސޮއިކޮށްފައިވެއެވެ.
ކުޑަފަރީ ކައުންސިލާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ކުޑަފަރީގައި މަގުބައްތި ޖެހުމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ސޮއި ކުރެއްވި އިރު ކުޑަފަރީ ކައުންސިލުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކައުންސިލްގެ ރައީސް ހަސަން މުހައްމަދެވެ. މިނިސްޓްރީން ކުޑަފަރީ ކައުންސިލަށް މި އެއްބަސް ވުމުގެ ދަށުން އެ ރަށުގައި މަގު ބައްތި ޖެހުމަށް ތިން ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ. މި މަޝްރޫއަށް ކުޑަފަރީ ކައުންސިލުން ދެލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ހޯމް މިނިސްޓްރީން މިއަދު އެއްބަސްވުމުގައި ސޮއި ކުރި ވިލިފުށި ކައުންސިލަށް ފައިސާގެ އެހީ ދިނުމަށް އެއްބަސްވެފައިވަނީ އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށެވެ. އެގޮތުން މިނިސްޓްރީން ވިލުފުށި ކައުންސިލާއެކު ވީ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ކުޑަކުދިންގެ ޕާކު ހެދުމަށް 289،131.15 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސައިފައެވެ. މި އެއްބަސްވުމުގައި ހޯމް މިނިސްޓްރީ ގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ސޮއި ކުރެއްވި އިރު ވިލުފުށި ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކައުންސިލުގެ ރައީސް ހުސައިން އަބްދުއްސަލާމް އާދަމެވެ. މި މަޝްރޫއަށް ވިލުފުށި ކައުންސިލުން އެއްލައްކަ ހަތްދިހަ ހާސް ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމް މިނިސްޓްރީގެ މި މަޝްރޫގެ ދަށުން އެންމެ ފުރަތަމަ ފައިސާ ހަވާލު ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހިމަންދޫ ކައުންސިލާއެކުއެވެ. މި އެއްބަސްވުމުގައި ހިމަންދޫ ކައުންސިލްގެ ރައީސް ޒައިނަލް އިބާދު ސޮއި ކުރެއްވި އިރު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވ ސްޓޭޓް މިނިސްޓަރު ނަޒީރެވެ. މި މަހު ހަތްވަނަ ދުވަހު ސޮއި ކުރި އެއްބަސްވުމުގައި ހިމަންދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް މިނިސްޓްރީން ކައުންސިލަށް ތިން ލައްކަ ރުފިޔާ ދިނުމަށް އެއްބަސްވެފައިވެއެވެ. އަދި ކައުންސިލުން މި މަޝްރޫއަށް ފަސްލައްކަ ދެހާސް ރުފިޔާ ހަރަދު ކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މަހު އަށްވަނަ ދުވަހު މިނިސްޓްރީން ނ. ހޮޅުދޫ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ އެރަށު ކޮމިއުނިޓީ ޕާކު ހެދުމަށް ފައިސާގެ އެހީ ދިނުމަށެވެ. އެގޮތުން މިނިސްޓްރީގެ ފަރާތުން ދެލައްކަ އަށް ވުރެ ގިނައިން ހަރަދު ކުރުމަށް ނިންމާފައިވާ މި މަޝްރޫއަށް ކައުންސިލުގެ ފަރާތުން ދެލައްކަ ސޯޅަހާސް ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމައިފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހޮޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ.
ހޯމް މިނިސްޓްރީ އިން ޖަމާއަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީ ދިނުމަށް ކުރިއަށް ގެންދާ މި މަޝްރޫގެ ދަށުން ހަ ރަށެއްގެ ޕާކު ހެދުމަށް، ހަ ރަށެއްގައި މަގުބައްތި ޖެހުމަށް، ހަތަރު ރަށެއްގެ ގަބުރުސްތާނުގެ ވަށައި ފާރު ރޭނުމުގެ އިތުރުން އެއް ރަށުގެ ނެރުބައްތި ޖެހުމަށް ފައިސާގެ އެހީ ވުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެން، އެކި ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލް ތަކުން އެންމެ ރަގަޅު ޕްރޮޕޯސަލް ހުޅަހެޅި ރަށްތަކަށް ކަމަށް ވެސް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.