ސަރުކާރު

ރައީސްކަމުގައި ހުންނަވައި ޖިނާއީ ކުށެއް ކުރުމުން ރައްކާތެރިކަން ލިބޭގޮތަށް އޮތް މާއްދާ އުވާލަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން ބުނީ އެ ބިލުގައިވާ އިސްލާހަކީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާހުކުރުމަށް ހުށަހަޅާ އިސްލާހެެއް ކަމަށެވެ.

ސަރުކާރުން ހުށައަޅާފައިވާގޮތަށް އިސްލާހު ވެގެން ދިޔުމުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާ އާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ގާނޫނު ވުޖޫދަށް އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ ހަ ވަނަ ދުވަހު އޭރުއޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 22 ވަނަ ޖަލްސާއިން އެ ބިލަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ރައީސުލް ޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އޭނާ އާއި އޭނާގެ އަނބި މީހާ ނުވަތަ ފިރިމީހާއަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރި ކަމެއް އަދި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

ރައީސް އޮފީހުން ބިލު ހުށަހަޅާފައި މިވަނީ އެ އިސްލާހު އުވާލުމަށެވެ.