މޯލްޑިވްސް ކަސްޓަމްސް ސާވިސް

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.43 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އާނިފާ ހުސެއިން ސިރާޖް

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުން 1.43 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިއަދު އިންޑިއާގެ ޓްރެވެންޑްރަމުން އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނައާ މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖް ތެރެއިން ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން ފުރަތަމަ މަރުހަލާގެ ތަހުލީލުން އެތަކެތި ވަނީ މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހިރޮއިން އާއި ކޮކެއިން އަށް ޕޮޒިޓިވްވެފައި ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

0.333 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާއިރު މިތަކެތީގެ މަގުމަތީ އަގު 1،165،000 އަށް އަރާނެކަމަށާއި އަތުލައިގެން 1.095 ކިލޯގެ ހިރޮއިންގެ މަގުމަތީ އަގު 766،500 އަށް އަރާނެކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އުގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 1.43 ހުރިއިރު މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 1.93 ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

މި މައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަތް މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައިވާ އިރު، ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.