މިދިޔަ ހަފުތާގައި ސްޓިކާ ޖެހި ވެހިކަލްގެ އަދަދު އޭގެ ކުރީގެ ދެހަފުތާއަށް ވުރެ ވަރަށް ބޮޑުތަން މަދުވެއްޖެ އެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓުން މިއަދު ނެރުނު 10 އޮގަސްޓާއި 16 އޮގަސްޓާ ދެމެދުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން މިދިޔަ ހަފުތާގައި ސްޓިކާ ޖަހާފައިވަނީ ޖުމުލަ 44 ވެހިކަލެއްގައެވެ.
މިއީ ތިނެއް އޮގަސްޓާއި ނުވައެއް އޮގަސްޓާ ދެމެދު ސްޓިކާ ޖަހާފައިވާ ވެހިކަލްތަކާ އަޅައިބަލާއިރު 429 މަދު އަދަދެކެވެ. އެގޮތުން ތިނެއް އޮގަސްޓުން ނުވައެއް އޮގަސްޓާ ދެމެދު 473 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހާފައެވެ.
ނިމިދިޔަ ހަފުތާގެ ތެރޭގައި މަގުމަތީގެ 31 އެކަސިޑެންްޓް ހިނގައި އަށް މީހުންނަށް އަނިޔާވެފައިވާ ކަމުގައި ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ވަނީ އެކްސިޑެންޓް ތަކާ ގުޅިގެން އެކެއްގެ ލައިސެންސް ވެސް ހިިފަހައްޓާފައެވެ.
ލައިސަންސް ނުލައި ވެހިކަލް ދުއްވުމުގެ 33 މައްސަލައަކާއި ލައިސަންސް ނެތި ދުއްވުމުގެ 49 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ. މީގެ އިތުރުންވެސް ޓްރެފިކް ނިޝާން ތަކާއި ހިލާފަށް ދުއްވުމުގެ އަށް މައްސަލައެއްވެސް ފުލުހުން ވަނީ ބަލައިފައެވެ.
ފޯނުގައި އިނދެގެން ވެހިކަލު ދުއްވުމުގެ ހަތަރު މައްސަލައަކާއި ދުންފަތުގެ އިސްތިއުމާލުކުރަމުން ދުއްވުމުގެ ފަސް މައްސަލައެއްްވެސް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރުމާ ގުޅިގެން ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ ހަފުތާގައި ގެންގޮސްފައިވަނީ އެންމެ ވެހިކަލެކެވެ. މި މުއްދަތުގެ ތެރޭގައި ރެކޯޑުކުރެވިފައިވަނީ ބާރަށް ދުއްވުމުގެވެސް އެންމެ މައްސަލައެކެވެ.