ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) އާޓިސްޓް ކެމްޕް އެންޑް އެގްޒިބިޝަން އޮފް ޕެއިންޓިންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސާކްގެ ފަރާތުން ސާކް ގައުމުތަކުގެ މެދުގައި ބާއްވަމުންގެންދާ "ސާކް އާޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަން އޮފް ޕެއިންޓިންގްސް" ކުރިއަށްދާނީ އަންނަ މަހުގެ 22 އިން 27 އަށް ދިވެހިރާއްޖޭގައެވެ. ރާއްޖޭގެ ފަރާތުން މި އާޓް ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ދިވެހި ކުރެހުންތެރީންނަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
އެންސީއޭ އިން ބުނެފައިވަނީ ބައިވެރިވެރިވުމަށް ޝައުގުވެރިވާ ދިވެހި ކުރެހުންތެރީން މި ކޭމްޕުގައި ބައިވެރިވެރިވުމަށް އެންސީއޭއަށް ލިޔުމުން އެންގުމަށެވެ. އެގޮތުން ބައިވެރިވާން ބޭނުންވާ ފަރާތުގެ ވަނަވަރާއެކު ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ހަތަރު ކުރެހުމެއްގެ ސޮފްޓް ކޮޕީ [email protected] އަށް މެއިލް ކުރުމަށް އެދިފައިވެއެވެ.
ކޭމްޕުގައި ރާއްޖެއަށް ލިބިފައިވާ 10 ޖާގައަށް ކުރެހުންތެރީން ހޮވުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ވަނަވަރަށް އިންސާފުކުރުމަށްފަހު ކަމަށާއި ނަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ 12:00 ކަމަށްވެސް އެންސީއޭއިން ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގައި މި ކޭމްޕް ބޭއްވިގެންދާ ދެވަނަ ފަހަރެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ މި ކޭމްޕް ބާއްވާފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައި ކުޑަ ބަނޑޮހުގައެވެ. އަދި ކުރެހުންތެރިންގެ މަސައްކަތް ދައްކާލާފައިވަނީ ނެޝަނަލް އަރޓް ގެލަރީގައެވެ. އެންމެ ފަހުން މި ކޭމްޕް ބާއްވާފައިވަނީ ލަންކާގައެވެ.