މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީއަށް ދިޔަ ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައުމަށް މިއަދު ފުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން މިއަދު ވަނީ ހައްޖުވެރިން އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލް އާއްމުކޮށްފައެވެ.
އެގުތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަދި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީގެ ހަވާލުގައި ހައްޖަށް ދިޔަ ދެ ހައްޖުވެރިއަކު ރާއްޖެ އައުމަށް ވަނީ ރޭގެ ދަންވަރު 2:40 ގައި ފުރައިފައެވެ. އަދި މިނާ ހައްޖު ގުރޫޕުގެ ހަވާލުގައި ދިޔަ ހައްޖުވެރިއެއްވެސް ވަނީ މިއަދު ހެނދުނު 7:25 ގައި ރާއްޖެ އައުމަށް ފުރައިފައެވެ.
އެގޮތުން ތަޒްކިއާ ހައްޖު ގުރޫޕުގެ ހަވާލުގައި ދިޔަ 44 ހައްޖުވެރިއެއް މާދަމާ ހެނދުނު 6:45 ގައި ފުރުމަށް ހަމަޖެހިފައިވާ އިރު، ޒައީ ހައްޖު ގުރޫޕުގެ ހަވާލުގައި ދިޔަ ދެ ހައްޖުވެރިއެއް މާދަމާ ފަތިހު 5:00 ގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުންވެސް އެކި ގުރޫޕްތަކުގެ ހަވާލުގައި ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖުވެރިން މިމަހުގެ 19، 20، 21، 22، 24، 28، 29، 30 އަދި 31 ގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެ ފަހު ހައްޖުވެރިން ރާއްޖެ އައުމަށް ފުރާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 12:25 ގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން މައުލޫމަތުދެއެވެ.
ހައްޖު ކޯޕަރޭޝަނުގެ އިތުރުން ޒައީ ގުރޫޕާއި ތަޒްކިޔާ ގްރޫޕުގެ އިތުރުން ހަރަމައިން އާއި މިނާ އަދި އެކްރޯގެ ހަވާލުގައި މިއަހަރު މީހުން ހައްޖަށް ވަނީ ގޮސްފައެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް 2000 ކޯޓާ ލިބިފައިވާއިރު 1800 އަށް ވުރެ ގިނަ ހައްޖާޖީން ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ ހައްޖުވެރިއެއް މިމަހުގެ 14 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.