ޚަބަރު

ހިސާން ހުސެއިން މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވަނީ

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަމަށް ގާނޫނީ ވަކީލާ ހިސާން ހުސައިން ކުރިމަތިލައްވާނެކަން އިއުލާނުކުރައްވައިފިއެވެ.

ހިސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާފުގެ މަގަށް ދިވެހިން ފަށާފައިވާ މަސައްކަތުގައި ތުޅާދޫ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމުގެ ފުރުސަތު އޭނާއަށް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އަދި އެކަމަށް ތާއީދުކޮށް ދިނުމަށް އެދިވަޑައިގެންފައި ވެއެވެ. ތުޅާދޫ ދާއިރާގައި ހިމެނެނީ ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫއެވެ.

ހިސާންއަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ލީގަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފައިވާ ބޭފުޅެކެވެ. ހިސާންއަކީ އިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުން އެންމެ އިތުބާރު ކުރައްވާ ގާނޫނީ ވަކީލެވެ. ތުޅާދޫ ދާއިރާގެ މެންބަރު ކަމަށް ވާދަކުރައްވާނެކަން ހިސާން އިއުލާނުކުރެއްވި އިރު، މިހާރު އެދާއިރާގެ މެންބަރު ކަމުގައި ހުންނެވީ ޕީޕީއެމްގެ މެންބަރެއް ކަމަށްވާ ނާޒިމް ރަޝާދުއެވެ.