ށ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ފަރުކޮޅުގައި ބަނގުރާ ބޮއެގެން މަސްތުވެގެން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ށ. ފަރުކޮޅުގައި ބަޔަކު ބަނގުރާ ބޭނުންކޮށްގެން މަސްތުވެގެން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ރޭ 12:15 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށުން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި ނަމަވެސް ބަނގުރާ ފުޅިއެއް ނުވަތަ އެއްވެސް ކަހަލަ މަސްތުވާތަކެއްޗެއް އެމީހުންގެ އަތުން ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިދިޔަ ސަރުކާރުން އެއާޕޯޓެއް އަޅަން ނިންމި ށ. ފަރުކޮޅަކީ މިދިޔަ އަހަރުގެ ފަހުކޮޅު އެންވަޔަރަމަންޓް މިނިސްޓްރީން ހިމާޔަތްކޮށްފައިވާ ރަށެކެވެ. އެރަށުގެ ބޮޑުބައި ކުޅި އާއި ޗަސްބިމުން އޮންނައިރު އެރަށުގައި ތަފާތު ހަތް ކުޅިއެއް އުފެދިފައި އޮވެއެވެ.