މިދިޔަ ޖުލައި މަހުން ފެށިގެން ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ، ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް، މިދިޔަ ޖުލައި މަހުން ފެށިގެން ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށާއި މިއީ ވައިރަލް ބޭރަށް ހިންގުން ކަމުގައެވެ. އެ ބަލި އާންމުކޮށް ފެތުރެނީ އެޗްޕީއޭއިން ބުނި ގޮތުގައި، ބޭރަށް ހިންގުން ޖެހިފައިވާ މީހުންގެ ފަރާތުންނެވެ.
އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައި، ފާހާނާކޮށް ނިމިގެންނާއި ނެޕީ ބަދަލުކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް އެ އެޖެންސީން އިލްތިމާސް ކުރެއެވެ.
އެޗްޕީއޭ އިން ބުނީ، ތައިފޮއިޑް ހުން ފަދަ ބަލިތަކުގެ އަލާމާތެއްގެ ގޮތުގައި ވެސް ބޭރަށް ހިންގުން ބެލެވިދާނެ ކަމަށެވެ. ނަމަވެސް އެ ބަލި ޖެހިގެން އަހަރަކު ރިޕޯޓް ކުރެވެނީ ވަރަށް މަދު ފަހަރަކު ކަމަށް ބުނެފައިވެއެވެ.
ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ތައިފޮއިޑް ހުމުގެ އަލާމާތްތަކުގެ ތެރޭގައި ކާހިތް ނުވުމާއި ބަނޑުގައި ރިއްސުމާއި ގަދައަށް ހުން އައުމާއި ތަންތަނުގައި ރިއްސާ ދަތުރުވުން ހިމެނޭއެވެ.
އެޗްޕީއޭ އިން ބުނީ، ތައިފޮއިޑް ޖެހިފައިވާ ކަން ދެނެގަނެވޭނީ ޓެސްޓްތަކެއް ހެދުމަށްފަހުއެވެ. އަދި އެ ބަލި އެންޓިބައޮޓިކް ނަގައިގެން ފަރުވާ ކުރެވޭނެ ކަމަށެވެ.
ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު މިދިޔަ ޖުލައި މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދުވަނީ ދެ ގުނައަށްވުރެ އިތުރުވެފައެވެ.
އެގޮތުން ޖޫން މަހު 1711 މީހަކަށް ބޭރަށް ހިންގުން ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާއިރު ޖުލައި މަހު އެ އަދަދު ވަނީ 3808 އަށް އިތުރުވެފައެވެ.
ނަމަވެސް މިއަހަރު މިހާތަނަށް އެންމެ ގިނައިން އެ ބަލި ޖެހިގެން ޑޮކްޓަރަށް ދައްކާފައިވަނީ ޖަނަވަރީ މަހުއެވެ. އެ މަހު އެކަނިވެސް 5500 މީހަކަށް ބޭރަށް ހިންގުން ޖެހިފައިވެއެވެ.