ނިއުޒިލޭންޑް ކައުންސިލް އިންތިހާބުގައި ދިވެއްސަކު ވާދަކުރުމަށް ފޯމު ހުށަހަޅައިފިއެވެ.
އަންނަ މަހު އޮންނަ ނިއުޒިލޭންޑުގެ ހަޓް ސިޓީގެ ކައުންސިލް ކަމަށް ކުރިމަތިލާފައިވާ ދިވެއްސަކީ ނިއުޒީލެންޑުގައި ދިރިއުޅެމުން އަންނަ ދިވެއްސެއް ކަމަށްވާ ޝަޒްލީ ރަޝީދެވެ.
ޝަޒްލީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަޓް ސިޓީގެ ކައުންސިލް ކަމަށް ވާދަކުރުމަށް އިއްޔެ ފޯމު ހުށަހާޅާފައިވާ ކަމުގައެވެ.
އެގޮތުން ހަޓް ސިޓީގެ ކައުންސިލަރު ކަމަށް ކުރިމަތިލާއިރު ޝަޒްލީގެ އަމާޒަކީ ހަޓް ސިޓީއަކީ އިތުރު ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ އިތުރު އިންވެސްޓްމަންޓްތައް ކުރެވޭ އަދި ވަޒީފާގެ ފުރުސަތުތަކަށް ވެސް ޖާގައޮތް ސިޓީއަކަށް ހެދުން ކަމަށްވެސް ޝަޒްލީ ވަނީ ބުނެފައެވެ.
ހަޓް ސިޓީއަކީ ރައްކާތެރި އަދި އާއިލާއެއް ބިނާކުރުމަށާއި ވިޔަފާރިތައް ވެސް ފެށުމަށް ރަނގަޅު ސިޓީއަކަށް ހެދުމަކީ އަމާޒެއް ކަމަށްވެސް ޝަޒްލީ ވަނީ ބުނެފައިވެއެވެ.
"އަޅުގަނޑު މަސައްކަތް ކުރާނީ ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ އާއިލާއަށް، ތިޔަބޭފުޅުންގެ ވިޔަފާރިއަށް،" ޝަޒްލީ ކުރި ޕޯސްޓުގައި އިތުރަށް ބުނެފައިވެއެވެ.