ޚަބަރު

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.52 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

އާނިފާ ހުސެއިން ސިރާޖް

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.52 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިއަދު ސްރީލަންކާއިން އައި 25 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނައާ މެދު ޝައްކުކުރެވުގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖް ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން ފުރަތަމަ މަރުހަލާގެ ތަހުލީލުން އެތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.52 ކިލޯ ހުރި ކަމަށާއި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައިވާ އިރު، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.