ހާލަތު ބަދަލުވެ، ސިޔާސީ މައިދާނުގައި ހަރަކާތެރިވެ ރައްޔިތުންނަށް ޚިދުމަތް ކުރެވެން އޮތް ގޮތަކީ ސިޔާސީ އާ ޕްލެޓްފޯމެއް އުފެއްދުން ކަމަށްވާ ނަމަ އެކަންވެސް ރައީސް ޔާމީނާ އެކު ކުރައްވާނެ ކަމަށް ވިލިމާލޭދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ނިހާން ވިދާޅުވީ ރައީސް ޔާމީނާ އެކު އަދިވެސް ރާއްޖޭގެ އެތައް ހާސް ރައްޔިތުންނެއް އެބަ ތިބި ކަމަށާއި ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުން އެކަން ސާފުވާ ކަމަށެވެ.
"ޝަރުއީ މައުހަލާގައި އޮތް ޕީޕީއެމްގެ މައްސަލަ އެހެން ގޮތަކަށް ނިމިގެން ގޮސްފި ނަމަ އަޅުގަނޑުމެންގެ ދެވަނަ އަދި ތިން ވަނަ ޕްލޭން ވެސް އޮންނާނެ. އެއީ ސިޔާސީ ޕާޓީއެއް އަލުން ހެދުން ކަމަށް ވާނަމަ އެކަން ވެސް އަޅުގަނޑުމެން ކުރާނަން." ނިހާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އޭނާ މިހާރު ހުންނެވި ދާއިރާއަށް ކުރިމަތި ނުލައްވާނެ ކަމަށާއި ދެން ކުރިމަތިލައްވާނެ ދާއިރާއަކާ މެދު މިހާރު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.