ޚަބަރު

ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

މިމަހު 31 ވަނަ ދުވަހު ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން ފުުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ފަސް މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން ކުރިން ޖެހި 15 ދުވަސް އިއްޔެއަށް ހަމަވާތީ ކުރިމިނަލް ކޯޓުން އިއްޔެ ވަނީ މި ފަސް މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރަުގެ ދެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނެކެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ސ.ހިތަދޫ ފިނިފަރު، އަބްދުﷲ އިބްރާހީމްގެ މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނީ، އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިރު، ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި ފަސް މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގަމުންދިޔަ އޮޕަރޭޝަނެއްގެ ދަށުން ކަމަށާއި ހައްޔަރުކުރި މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ރަބަރު ގަނޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ މީހަކީ އަބްދުﷲ އިބްރާހީމެވެ.