ޚަބަރު

ވިލިމާލެ މޫދަށް އެރިއުޅުނު ބައެއްގެ ފޯނު ތަކަކާއި ފައިސާތަކެއް ވަގަށް ނަގައިފި

ފަތޯނާ ފާއިޒު

ވިލިމާލެ ބީޗަށް މޫދަށް އެރި އުޅުނު ބައެއްގެ ފޯނުތަކާއި ފައިސާތަކެއް ލައިފައިހުރި ދަބަހެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ. އަދި އޭގެ ބައިގަޑި އިރެއްހާއިރު ތެރޭގައި ވައްކަންކުރި މީހާ ހައްޔަރުކޮށް، އޭނާ ވަގަށް ނެގި ތަކެތި ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބަލަމުންދާ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ބޮޑު އީދު ޗުއްޓީއާ ދިމާކޮށް ވައްކަމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ދަނީ ހުށަހަޅަމުންނެވެ. އެގޮތުން އދ. މަހިބަދޫ ގެ އަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

އިއްޔެ ހަވީރު 5:46 ހާއިރު ހުށައެޅި އެ ވައްކަމުގެ މައްސަލާގައި ވަގަށް ނަގާފައިވަނީ 46،000 ދިވެހި ރުފިޔާއާ 87 ޔޫއެސް ޑޮލަރެވެ. ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އީދު ބަންދާ ދިމާކޮށް ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާތީ، އާއްމު ރައްޔިތުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.