ޚަބަރު

ރައީސް ޔާމީންގެ ފަރާތްޕުޅުން ވެރިކަމަށް އަލުން ކުރިމަތިލައްވަފާނެ ކަމުގެ އިޝާރާތެއް

ފަތޯނާ ފާއިޒު

1

ދެން އަންނަ ދައުރެއްގައި ރާއްޖޭގެ ވެރިކަމަށް އަލުން ކުރިމަތި ލައްވަފާނެފަދަ މޭރުމަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވައިފިއެވެ.

"ދަ ޕްރެސް" ނޫހަށް ރައީސް ޔާމީން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ހަށިކޮޅުގައި ހިތްވަރު ހުރެއްޖެނަމަ އަނެއްކާވެސް ރިޔާސީ އިންތިހާބެއްގައި މަސައްކަތްޕުޅު ތަކެއް ކުރައްވާނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލެއްވުމަށްވުރެ ދެއްކުން މާ މުހިންމު ވާހަކަ ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިންޓަވިއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން އަދުލު އިންސާފުގެ ދާއިރާ ނުހިނގާ ކަމަށާއި އޭގެ ބަދަލުގައި ތަހުގީގުތައް ކުރަމުންދަނީ ރައީސް ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އަދުލު އިންސާފުގެ ދާއިރާ އޮއްވާ ކަން އެހެން ހިނގަމުންދިއުމަކީ ޑިމޮކްރަސީއެއްތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވައިފައެވެ.

ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން މިހާރު މައި އިދިކޮޅު ލީޑަރު ކަމުގައި ހުންނެވި ރައީސް ޔާމީން ފާޅުކުރެއްވިއިރު، އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން މިހާރު ވެސް ގެންދަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އެނބުރި އަންނާނެ ކަމަށް ބުނެ ކެމްޕެއިން ކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟