ޚަބަރު

ސިހުރުވެރިންނަކީ އިންސާނުންގެ ތެރޭގައިވާ ޝައިތޯނުން: ހުތުބާ

ފަތޯނާ ފާއިޒު

ސިހުރުވެރިންނަކީ އިންސާނުންގެ ތެރޭގައިވާ ޝައިތޯނުން ކަަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ސިހްރު ހާހޫރައިގެ ނުބައިކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި އަލިއަޅުވާލައިފައިވަނީ ސިހުރު ހެދުމުގެ ނުބައިކަމުގެ މައްޗަށެވެ. އެގޮތުން ސިހުރަކީ ގަދީމީ ޒަމާންތަކުގެ މީހުންގެ ތެރޭގައާއި، ތަރައްގީގެ މި ޒަމާނުގައި ވެސް މީސްތަކުންގެ ގައިގައި ވަކި ހިއްޕާލާފައިވާ ބިރުވެރި ބަލިމަޑު ކަމެއް ކަމަށާއި އެފަދަ މީހުންގެ މަގްސަދަކީ މީސްތަކުން ގިލަންވެރިކޮށް، ޖީބު ތަނަވަސް ކުރުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ، މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އެމީހެއްގެ އީމާންތެރިކަން ވިއްކާލައި ޖިންނީންނާ ދޯޅުވުމަށްޓަކައި ﷲ ނަހީކުރައްވާފައިވާ އަމަލުތައް ވެސް ކޮށްގެން ކަމުން، ސިހުރު އުނގެނުމާއި ސިހުރު ދަސްކުރުމަކީ ވެސް ހަރާމް ކަމެއް ކަމަށެވެ. އަދި އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކުފުރުގެ އަމަލެއް ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ސިހުރު ހެދުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ހުކުރު ހުތުބާގައި ވިދާޅުވީ، ސިހުރުގެ ސަބަބުން މުޖްތަމައު ރޫޅި، އެކުވެރިން ހަތުރަށްވެ، ނާމާންކަން ފެތުރޭ ކަމަށެވެ. އަދި ސިހުރުވެރިންގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ، އާއިލާތައް ރޫޅި ދުޅަހެޔޮ އެތައް ބަޔަކު ބަލިވެދޭ ކަމަށް ވިދާޅުވިއެވެ.

އަދި ސައްތަ އިން ސައްތަ އިސްލާމީ މި ދިވެހި ރާއްޖޭގައި ސިހްރު ހާހޫރަ ގިނަވަމުން ދިއުމަކީ ހިތާމަ ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އިސްލާމީ މުޖުތަމައުތަކުގައި ސިހުރު ހަހޫރައިގެ ވަބާ ފުޅާ މިންވަރަކަށް ފެތުރިގެން ދިޔައީ މީސްތަކުންގެ ނަފްސުތަކުގެ މައްޗަށް މާއްދިއްޔަތު ވެރިވެ ހިތްތައް ހަރުވެ ހަސަދަވެރިކަމާއި ރުޅިވެރިކަން އިތުރުވެ އަގީދާ ބަލިކަށިވުމުގެ ސަބަބުން ކަމަށެވެ.

އޭގެ އިތުރު ސަބަބަކީ ޤުރުއާން ކިޔެވުމާއި، ޒިކްރުކުރުން މަދުވެ ޝައިތާނާގެ ކުޅިސަމާ ކުޅޭ ވެއްޓަކަށް ގެދޮރު ބަދަލުވުން ކަމަށް ވެސް ވިދާޅުވިއެވެ.