ލައިފް ސްޓައިލް

ތިޔަ ހުރީ ފޯނަށް ދެވި ހިފައިފަތަ؟

ފަތޯނާ ފާއިޒު

ފޯނާ ނުލައި، ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ތަނަކަށް ދިއުމަކީ މިއަދު ގިނަ މީހުންނަށް ހާއްސަކޮށް ފުރާވަރުގެ ކުދިންނާއި ޒުވާނުންނަށް އުނދަގޫ ކަމެކެވެ. ރައްޓެހި ރަހްމަތްތެރިންނާ ބައްދަލުވެ، ކޮފީއަކުން ދިމާވެލައި ވާހަކަދައްކާލަން ލިބޭ ވަގުތުކޮޅުގެ ތެރެއަށް ވެސް ފޯނު ވަދެއެވެ. އެންމެ ކުޑަމިނުން ފާހާނާގައި ވެސް އިނދެވެނީ ވެސް އެ ފޯނާ ކުޅެލުމުގައެވެ.

ނަމަވެސް އުފެދޭ ސުވާލެއް އެބަ އޮތެވެ. ފޯނާ ދުރުގައި އުޅެން އުނދަގޫވަނީ ކީއްވެގެން ބާއެވެ؟

ސަބަބުތަކެއް އެބަހުއްޓެވެ. ފޯނުން ފެންނަ ދުނިޔެ، ތިބާގެ އަސްލު ދުނިޔެއަށްވުރެ ހިތްގައިމު ވަނީއެވެ. ފޯނުން ފެންނަ ފޮޓޯތަކަކީ ތިބާ އެންމެ ހިތް އެދޭ ފޮޓޯތަކަކަށް ވަނީއެވެ. ނުވަތަ ވަރަށް ދުރުގައި ހުރި، އެހެން ނަމަވެސް ހިތާއި އެންމެ ގާތުގައިވާ މިތުރަކާއި ތިބާއާ ދެމެދު އޮންނަ ދުރުކަން، ގާތްކަމަށް ބަދަލުކޮށްދޭ މިތުރަކީ ވެސް ފޯނެވެ. އަދި ތިބާގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއަށް މީހުން ކުރާ ތައުރީފުގެ ބަސްތައް ބަލައިލެވެނީ ވެސް ފޯނުން ކަަމަށްވުމީ، ފޯނަށް ދެވި ހިފާ ބައެއް ސަބަބުތަކެވެ.

ފޯނަށް ދެވިހިފާފައި ހުރިކަން ދެނެގަނެވޭނެ ބައެއް ނިޝާންތައް އެބަހުއްޓެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ތިމާގެ ކިބައިގައި ތިރީގައި މިވާ ސިފަތަކުގެ ތެރެއިން ބައެއް ސިފަތައް ހުރެއްޖެނަމަ، ތިޔަ ހުރީ ފޯނަށް ދެވިހިފާފައި ކަމަށްވުމީ އެކަށީގެންވާ ކަމެކެވެ.

ފޯނުގެ ބެޓެރި ދަށްވާނަމަ އެކަމާ ދެރަވެ، ހާސްވޭ ހެއްޔެވެ؟ ނުވަތަ ނެޓްވޯކް ނުލިބޭ ސަރަހައްދެއްގައި ހުންނަން ޖެހުމުން ހިތް ނުތަނަވަސް ވޭހެއްޔެވެ؟ ނިދުމުގެ ކުރިން އެންމެ ފަހުން ކުރާ ކަމަކީ ފޯނު ޗެކުކޮށްލުން ހެއްޔެވެ؟

ހޭލާފައިވެސް އެންމެ ފުރަތަމަ ބަލާލެވެނީ ފޯނަށް ހެއްޔެވެ؟ ނިދަނީވެސް ފޯނު ގާތުގައި ބާއްވައިގެން ހެއްޔެވެ؟ ކަމަކާ ދެރަވެ، ހާސްވުމުން ބެލެނީ ފޯނު ހެއްޔެވެ؟ ބައެއް ފަހަރު އެއްވެސް ހިޔާލެއް ފިކުރެއް ނެތިވެސް ފޯނަށް ބަލަހައްޓައިގެން ހުރެވޭ ހެއްޔެވެ؟

މީގެ ތެރެއިން ގިނަ ސުވާލުގެ ޖަވާބަކީ އާނއެކޭނަމަ، ތިބާ ތިޔަ ހުރީ ފޯނަށް ދެވި ހިފާފައޭ ބުނެވިދާނެއެެވެ.

ފޯނަށް ދެވިހިފުމަކީ ގޯހަކަށް ވަނީ އެކަމުގެ ސަބަބުން، ތިބާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުތަކެއް ކުރުވާތީއެވެ. އޭގެ ތެރޭގައި އެކީގައި އުޅޭ މީހުންނަށް ސަމާލުކަން ނުދެވުމާއި ބައިވެރިޔާ އޭއެކު މައްސަލަ ޖެހުމާއި ދަރިންނަށް ނޭނގި ނަަމަވެސް އިހުމާލުވެވުން ހިމެނެއެވެ.

ފޯނަށް ގެއްލިފައި ހުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ސަމާލުކަން ނުދެވި، އެކުދިންނަށް ބޮޑެތި އަނިޔާ ލިބުމުގެ މައްސަލަތައް ހިމެނެއެެވެ. އެހެންކަމުން ތިބާގެ ފޯނަށް ސަމާލުކަން ދިނަސް، އެކަންވެސް ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓަން ސަމާލުކަން ދޭށެވެ.