ކޮމިއުނިޓީ ޕޮލިސިންގެ ސަބަބުން އިޖުތިމާއީ ގޮތުން ރައްޔިތުންނާ ގުޅުން ބަދަހިވެ، ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެހެން ވިދާޅުވީ، ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ ނަމުގައި އެކި ސަރަހައްދުތަކަށް ހާއްސަކޮށްފައި ތިބި ފުލުހުންގެ މަސައްކަތް ހިއްސާ ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއް ރީޓުވީޓް ކުރައްވަމުންނެވެ.
ފުލުހުން ކުރި ޓުވީޓުގައި ބުނެފައިވަނީ ކޮމިއުނިޓީ ޕޮލިސިންގެ ދަށުން ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާ ފުލުހުންގެ މަސައްކަތަކީ އާއްމުން ދިރިއުޅޭ ގޭގެއަށް ގޮސް، އެގެއެއްގައި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އަދި މުދާ ދޫކޮށްފައި ތަނަކަށް ދާނަމަ، އެކަން ނެއިބަހުޑް ސަޕޯޓް އޮފިސަރުންނަށް އެންގުމުން މުދަލުގެ ރައްކާތެރިކަންވެސް ބަލަހައްޓައިދޭނެ ކަމަށް ފުލުހުންގެ ޓުވީޓުގައި ވަނީ ބުނެފައެވެ.
ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ ނަމުގައި އެކި ސަރަހައްދުތަކަށް ހާއްސަ ފުލުހުންގެ އޮފިސަރުން ހަމަޖައްސަން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
އެކަމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވި ގޮތުގައި ނެއިބަހުޑް ޕޮލިސިންގެ އަމާޒަކީ ކޮންމެ ނެއިބަހުޑް ސަޕޯޓް އޮފިސަރަކީ އެ ސަޕޯޓް އޮފިސަރެއްގެ ޖޫރިސްޑިކްޝަންގެ ތެރޭގައި ކަނޑައެޅިފައިވާ ސަރަހައްދު ރަނގަޅަށް ބެލަހައްޓައި، އެ އޮފިސަރުންގެ ދަށުން ޕެޓްރޯލްކުރާ ފުލުހުން އެއީ ރައްޔިތުންނާ ވީހާވެސް ބޮޑަށް ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.
ޖެންޑަރ މިނިސްޓަރ ޝިދާތާ މިރޭ ކުރެއްވި ޓުވީޓުގައި ވަނީ އެ މަގުސަދު ހާސިލުވަމުންދާ މަންޒަރު ފެންނަމުންދާތީ ސީޕީ ހަމީދަށް މަރުހަބާ ދަންނަވާފައެވެ.