ޔޫއެފާ

ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައި މެސީ، ރޮނާލްޑޯ އަދި ވެން ޑައިކް

އަލީ ރިފްޝާން

ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ޝޯޓްލިސްޓުގައި ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް ހިމެނިއްޖެއެވެ.

ވެން ޑައިކް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން މިދިޔަ ސީޒަނުގެ ލިވަޕޫލަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަކީ ޔޫރަޕްގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެ އަހަރެއްގައި އެންމެ މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިޔާއަށް ދޭ އެވޯޑެކެވެ. ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. ފްރާންސްގެ މޮނާކޯގައި ބާއްވާ އެ ރަސްމިއްޔާތުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުން ވެސް އޮންނާނެއެވެ.

މެސީ ވަނީ މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ޔޫއެފާގެ ޔޫރަޕުގެ ރަން ބޫޓު ހޯދައިފައެވެ. އޭގެ އިތުރުން މެސީ ވަނީ ބާސާއާއެކު މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައެވެ. އެއީ ބާސާއާއެކު އޭނާ ކާމިޔާބުކުރި ދިހަވަނަ ލަލީގާއެވެ.

ރޮނާލްޑޯ ވެސް ވަނީ އިޓަލީގައި ކާމިޔާބު ހޯދައިފައެވެ. ޔުވެންޓަސްއާއެކު މޮޅު ކުޅުމެއް ދައްކައި، ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި އިޓާލިއަން ސެރީއާ ކާމިޔާބުކޮށްފައެވެ.

ތިން ކުޅުންތެރިން ޝޯޓްލިސްޓު ކޮށްފައިވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރި ކްލަބުތަކުގެ 80 ކޯޗުންނާއި 55 ނޫސްވެރިންގެ ޕެނަލަކުންނެވެ. އެ ޕެނަލުގައި ބައިވެރިވާ ފަރާތްތަކުން އެއްވަނައަށް ހޮވާ ކުޅުންތެރިޔާއަށް ފަސް ޕޮއިންޓް ލިބޭ އިރު، ދެވަނައަށް ހޮވާ ކުޅުންތެރިޔާއަށް ދެ ޕޮއިންޓް ލިބެއެވެ. އަދި ތިންވަނައަށް ހޮވާ ކުޅުންތެރިޔާއަށް ޕޮއިންޓެއް ލިބެއެވެ.

އެ ޕެނަލުގެ ވޯޓާއެކު ލިވަޕޫލްގެ ތިން ކުޅުންތެރިން ކަމަށްވާ ކީޕަރު އެލިސަން ބެކާ އާއި ސާޑިއޯ މާނޭ އަދި މުހައްމަދު ސަލާހު ހިމެނިފައިވަނީ ހަތަރެއް، ފަހެއް އަދި ހަ ވަނައިގައެވެ.

ޗެލްސީގެ އެޑެން ހަޒާޑް ހަތްވަނައިގައި ހިމެނުނު އިރު، މިދިޔަ ސީޒަނުގައި އަޔެކްސްއާއެކު މޮޅު ކުޅުމެއް ދެއްކި މެތިއަސް ޑި ލިޓް އާއި ފެރެންކީ ޑި ޔޮންގް ހިމެނިފައިވަނީ އަށްވަނަ އަދި ނުވަވަނައިގައެވެ. ގަދަ ދިހައެއްގައި ދެން ހިމެނުނު ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީގެ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންއެވެ.