އަންނަ އަހަރު ބާ ކައުންސިލުން ހިންގަން ފެންނަ ޕްރޮގުރާމްތަކާ ގުޅޭ ގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަކީލުންނަށް ދީފިއެވެ.
ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ އަހަރު ބާ ކައުންސިލުން ހިންގަން ފެންނަ ހަރަކާތްތަކާ ގުޅޭ ގޮތުން ވަކީލުންނަށް ފެންނަ ގޮތެއް ހިއްސާ ކުރަން އެދިވަޑައިގަންނަވާ ކަމަށެެވެ.
އަދި އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި ވަކީލުންގެ އަޑުއަހަން ބާ ކައުންސިލުން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބާ ކައުންސިލުން ހިންގަން އެދޭ ޕްރޮގުރާމްތަކާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅޭނީ އެކަމަށށް ހާއްސަކޮށްފައިވާ ފޯމަކުންނެވެ. އެ ފުރުސަތު އޮތީ ވަކީލުންނަށް އެކަންޏެވެ.
ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް އުފައްދާފާއިވާ ކައުންސިލެކެވެ. ބާ ކައުންސިލް އުފައްދައި، "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓުކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ގާނޫނީ ވަކީލުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމާއި، ދިވެހިރާއްޖޭގައި ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތިކުރުންފަދަ ކަންކަން މަތިކޮށްފައިވަނީ ބާ ކައުންސިލަށެވެ.