ތ. ވޭމަންޑޫގައި އިއްޔެ ކުރިއަށްދިޔަ ކުލަ ޖެހުމުގެ ހަރަކާތުގެ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ 14:50 ހާއިރު އުމުރުން 31 އަހަރުގެ ފިރިހެނަކު އުމުރުން 19 އަހަރުގެ އަންހެނަކަށް ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. ނަމަވެސް ވޭމަންޑޫ ކައުންސިލްގެ ނައިބު ރައީސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައިނުވާ ކަމަށް ބުނެފައެވެ.
"ވަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އަންހެން މީހާއަށް ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ ސިފައިންގެ މީހެއް ނުވަތަ ފުލުހެއް ކަމަށް ބުނެ އެއްވެސް ފަރާތަކަށް މައުލޫމާތު ދީފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، އަންހެން މީހާއަށް ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ ފިރިހެން މީހާއަކީ ސިފައިންގެ މީހެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާއިރު، ފުލުހުން އިއްޔެ ވެސް ބުނީ، އެ މައްސަލަ ގަވާއިދާ އެއްގޮތަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.