ޚަބަރު

ނިޔާވި ހައްޖުވެރިޔާ މައްކާގައި ވަޅުލައިފި

އާނިފާ ހުސެއިން ސިރާޖް

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގޮސް ހުއްޓައި ސްޓްރޯކެއް ޖެހިގެން ކޯމާއެއްގައި އޮތުމަށްފަހު އިއްޔެ ނިޔާވި ހައްޖުވެރިޔާ މައްކާގައި މިއަދު ވަޅުލައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން ކޯމާއެއްގައި އޮތުމަށްފަހު ނިޔާވީ ފ. ދަރަނބޫދޫ، މުޝްތަރީގެ، ސީމާ މުހައްމަދު، 38 އެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދިޔަ އެ ހައްޖުވެރިޔާ ނިޔާވީ "މިނާ އަލްވާދީ" ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ދިވެހި ހައްޖު މިޝަން އިން ބުނީ، މިނާގައި ނިޔާވި ޙައްޖުވެރިޔާ ވަޅުލާފައިވަނީ މައްކާގެ އައްޝަރާއިޢު މަޤްބަރާގައި (ބްލޮކް ނަންބަރު 12 މަހާނަ ނަންބަރު 590) ކަމަށެވެ. އޭނާގެ މައްޗަށް ކަށު ނަމާދު ކުރީ މިއަދުގެ ފަތިސް ނަމާދަށްފަހު ހަރަމްފުޅުގައެވެ.