އދ. މަހިބަދޫގައި ފުލުހުންނަށް އިންޒާރުދީ ފުލުހުން ދުއްވަން ގެންގުޅޭ ސައިކަލަކަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ 12:15 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި މީހާ ފުލުހުންގެ ސައިކަލަކަށް ދިނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.