ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާގެ 73 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.
އަދި އިންޑިއާއަކީ އަވަށްޓެރި ގައުމެއް ކަމަށާއި އަދި ވަރަށް ގާތް އެކުވެރިއެއްކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އިންޑިއާގެ ސަރުކާރާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މި ސަރުކާރު އައިފަހުން އިންޑިއާއާ ދަނީ ވަރަށްގާތް ގުޅުމެއް ބާއްވަމުންނެވެ.
އެގޮތުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާއަށް ރަސްމީ ދެ ދަތުރުފުޅެއް ވަނީ ކުރައްވާފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަނީ ރާއްޖެއަށް ދެ ދަތުރުފުޅެއް ކުރައްވައިފައެވެ.
އޭގެ ތެރެއިން އެއް ދަތުރުފުޅަކީ ރައީސް ސޯލިހް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެވެ. ދެވަނަ ދަތުރުފުޅަކީ އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައި، ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެވެ. އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާއި ހަވާލުވި ފަހުން މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ.