ޚަބަރު

ކުލަ ޖެހުމުގެ ތެރެއިން އަންހެނަކަށް ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ބަލަނީ

އާނިފާ ހުސެއިން ސިރާޖް

5

ތ. ވޭމަންޑޫގައި މިއަދު ކުރިއަށްދިޔަ ކުލަ ޖެހުމުގެ ހަރަކާތުގެ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދު 14:50 ހާއިރު ވޭމަންޑޫގައި އޮތް ކުލަޖެހުމުގެ ހަރަކާތުގެ ތެރޭގައި އުމުރުން 31 އަހަރުގެ ފިރިހެނަކު އުމުރުން 19 އަހަރުގެ އަންހެނަކަށް ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ، މިއަދުގެ 19:50 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ބުނީ، ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް އަންހެން ކުއްޖާގެ އާއިލާއާ ހަވާލާދީ ވޭމަންޑޫން ވާހަކަދެއްކި މީހަކު "ވަން"އަށް ބުނީ، ރަށު ބޮޑުމަގު ފިހާރައެއް ކައިރީ އެ އަންހެން ކުއްޖާ ހުއްޓައި އެކުއްޖާއާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ ފިރިހެން މީހާ އައިސް ކުލަ ހޭކުމުގެ ނަމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމަށެވެ.

އެ މައްސަލަ އިތުރަށް ސާފުކުރުމަށް ވޭމަންޑޫ ކައުންސިލަށް ގުޅުމުން، ކައުންސިލުގެ ނައިބު ރައީސް ވަނީ އެކަން ދޮގު ކޮށްފައެވެ.

ވޭމަންޑޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ފަތުހީ "ވަން"އަށް ވިދާޅުވީ އެ ވާހަކައަކީ ދޮގެއް ކަމަށާއި އެއްވެސް އެފަދަ ބަދުއަހުލާގީ އަމަލެއް އެރަށުގައި ނުހިންގާ ކަމަށެވެ.

"އެއީ އެއް އުމުރުގެ ކުދިން އެހެން ކުލަ ޖަހަން އުޅުމުގެ ތެރޭގައި ހިތްހަމަނުޖެހޭ ކުއްޖެއްގެ ގައިގައި ކުލަ ހޭކުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކިޔައިގެން އުޅޭ އެއްޗެއް،" ފަތުހީ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟