އިންޑިއާއަށް މިހާރު ކުރަމުންދާ ތޫފަނީ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 270 އަށްވުރެ ގިނަ މީހުން މަރުވެފައިވަ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
އިންޑިއާއަށް ކޮންމެ އަހަރެއްގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ދެމެދު ކުރާ މޫސުމީ ވިއްސާރައިގައި މިއަހަރުގެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެގައުމުގެ ދެކުނުގައި އޮންނަ ކެރެލާ އާއި ކަރްނަޓަކާގެ އިތުރުން ހުޅަނގުގައި އޮންނަ މަހާރަޝްތުރާ އަދި ގުޖުރާތަށެވެ.
އެގޮތުން މިއަހަރު ކުރި ވިއްސާރައިގާ ދަނޑުބިންތަކާއި މަގުތަކުގެ އިތުރުން ރޭލު ލައިންތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އޭގެ ތެރެއިން ވެސް އެންމެ ބޮޑު ގެއްލުންތަކެއް ލިބުނު ކެރެލާއިން އެކަނިވެސް 95 މީހުން މަރުވެ 50 މީހުން ވަނީ ގެއްލިފައެވެ. އަދި
އިންޑިއާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 190,000 މީހުންގެ ގެތަށް ހަލާކުވެ ހާލުގައި ޖެހުމުގެ ސަބަބުން މިހާރު އުޅެމުންދަނީ ވަގުތީ ޓެންޓުތަކުގައެވެ.
އިންޑިއާގެ މޫސުމާ ބެހޭ އޮފިޝަލުން ބުނާގޮތުގައި، ކުރިއަށް އޮތް ދެ ދުވަހު ވެސް ކަރްނަޓަކާ، މަހާރަޝްތްރާ އަދި ގުޖުރާތުގެ އިތުރުން މެދުތެރޭ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝްއަށް ވެސް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެކެވެ.
އިންޑިއާއަށް މިއަހަރު ކުރި ވިއްސާރައިގައި ކެރެލާއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، މިދިޔަ އަހަރު އެ ސްޓޭޓަށް ކުރި ވިއްސާރައިގައި ހައިވޭތަކާއި ރެއިލްވޭތައް އަދި މަގުތަކަށް ލިބުނު ގެއްލުމުން އަދިވެސް ވަނީ އަރައިނުގަނެވިފައެވެ.
މިދިޔަ އަހަރު ކެރެލާއަށް ކުރި ވިއްސާރައިގައި އެކަނިވެސް ގާތްގަނޑަކަށް 450 މީހުން ވަނީ މަރުވެފައެވެ.