މިދިޔަ މަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 287 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
ކަސްޓަމްސްގެ މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 287 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، މިދިޔަ އަހަރުގެ ޖުލައި މަހު ލިބިފައިވަނީ 281 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެހެންކަމުން މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ ދެ އިންސައްތައަށް ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން މިދިޔަ މަހު ރާއްޖެއިން އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2018 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ނުވަ އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއިން 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ އިރު، މިއަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 3.7 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މީގެ ސަބަބުން ރާއްޖެއަށް ވަންނަ ފައިސާއާ އަޅާބަލާއިރު ބޭރުވާ ފައިސާ މަދުވެ، ރާއްޖޭގެ ދައުލަތުގެ އާމްދަނީ އިތުރުވެއެވެ.
ނަމަވެސް އެކްސްޕޯޓަށް ބަލައިލާ އިރު، މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއިން ވަނީ 196 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައެވެ. އަދި މިއަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 16 އިންސައްތަ ދަށްވެ، 165 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ.
ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ދެ އިންސައްތަ އިތުރުވެފައިވަނީ ރާއްޖެއަށް ކުރާ އިމްޕޯޓް މިއަހަރުގެ ޖުލައި މަހު، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އެހާ ބޮޑުތަން ދަށްވެފައިވާތީއެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެކެވެ. މިދިޔަ ޖޫން މަހު ވެސް، މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ އެކްސްޕޯޓާއި އިމްޕޯޓު ކުރި އަދަދު ވަނީ ދަށްވެފައެވެ.
ފާއިތުވެދިޔަ ޖުލައިމަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓް ކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ޖުލައި މަހުގައި ޔޫއޭއީ އިން ވަނީ ރާއްޖެއަށް 21 އިންސައްތައިގެ މުދާ އިމްޕޯޓުކޮށްފައެވެ. އެހެން ގައުމުތަކަށް ބަލާއިރު، ސިންގަޕޫރުން 13 އިންސައްތަ، ޗައިނާ އިން 13 އިންސައްތަ، އިންޑިއާ އިން 11 އިންސައްތަ އަދި މެލޭޝިއާ އިން ވަނީ އަށް އިންސައްތަ އިމްޕޯޓު ކޮށްފައެވެ.
ރާއްޖެއިން ފާއިތުވި ޖުލައި މަހު އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން ރާއްޖެއިން ވަނީ 18 އިންސައްތަ މުދާ ތައިލެންޑަށް އެކްސްޕޯޓުކޮށްފައެވެ. އެގޮތުން ޖަރުމަނުވިލާތަށް 15 އިންސައްތަ، ފަރަންސޭސިވިލާތަށް 15 އިންސައްތަ، އިނގިރޭސިވިލާތަށް 13 އިންސައްތަ އަދި އިޓަލީއަށް ހަތް އިންސައްތަ މުދާ، ރާއްޖެއިން ވަނީ އެކްސްޕޯޓު ކޮށްފައެވެ.
ރާއްޖެއިން އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ތެލާއި ފިއުލްގެ ބާވަތް އަދި ކާތަކެތީގެ ބާވަތްތަކެވެ. އަދި ރާއްޖޭގެ މައިގަނޑު އެކްސްޕޯޓެއްގެ ގޮތުގައި އުޅެނީ ތާޒާ އަދި ގަނޑުކުރި މަހުގެ ބާވަތްތަކެވެ.