ރާއްޖެއަށް މިހާރު ކުރަމުންް އަންނަ ވިއްސާރައާ ގުޅިގެން އައްޑޫ ސިޓީގެ 54 ގެއަކަށް ގެއްލުން ލިބުނު ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ ސިޓީއަށް ކުރަމުން އަންނަ ވިއްސާރައިގައި އެކި އަވަށްތަކުން 54 ގެ އެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުންތައް ލިބި، ބައެއް ގެތަކުގެ ފުރާޅު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.
އަދި ފުރާޅަށް ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 11 ގެ އެއްގެ ފުރާޅު މަރާމާތު ކޮށްދީފައިވާ ކަމަށާއި ބާކީ ގެ ތަކުގެ މަރާމާތުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެއެވެ.
ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އައްޑޫ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެމުންް އަންނައިރު، އެ މަސައްކަތުގައި ފުލުހުންނާއި އެމްއެންޑީއެފުން ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
އައްޑޫއަށް ކުރަމުން އަންނަ ވިއްސާރައިގައި، ވައިގަދަ ވުމުގެ ސަބަބުން 54 ގެއަކަށް ގެއްލުން ލިބުނުއިރު، 35 ގަސް ވަނީ ވެއްޓިފައެވެ. އަދި އެ ގަސްތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ކޮށްފައެވެ.
"ވަން" މައުލޫމާތު ދެމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު އައްޑޫއަށް ކެރީގެ އަސަރު ފޯރިނަމަވެސް، މޫސުން ރަނގަޅުވާނެ ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް ވައި ޖެހޭނީ ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.