ޚަބަރު

ކޯމާގައި އޮތް ހައްޖުވެރިޔާގެ ހާލަތަށް އިތުރު ބަދަލެއް ނާދޭ: މިނިސްޓްރީ

މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގޮސް ހުއްޓާ ސްޓްރޯކެއް ޖެހިގެން ކޯމާއަކަށް ދިޔަ ހައްޖުވެރިޔާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ސްޓްރޯކެއް ޖެހިގެން ކޯމާއަކަށް ގޮސްފައިވަނީ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މުހައްމަދު، 38 އެވެ.

ދިވެހި ހައްޖު މިޝަން އިން މީގެ ކުރިން ބުނިގޮތުގައި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ އެ ހައްޖުވެރިޔާއަށް ސްޓްރޯކެއް ޖެހުނީ މިނާގެ ޓެންޓުގައި ހުއްޓައެވެ.

އަދި އޭނާއަށް ފަރުވާ ދެމުންދަނީ "މިނާ އަލްވާދީ" ހޮސްޕިޓަލުގައި ކަމަށާއި ހައްޖުވެރިޔާ އޮތީ ލައިފް ސަޕޯޓްގައި ކަމަށް ވެސް ހައްޖު މިޝަން އިން ބުނެފައިވެއެވެ.

މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއާއަށް ދިޔައިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން ހައްޖާޖީން މާލެ އަންނަން ދަތުރު ފަށާނެއެވެ.