ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ހަތަރު ދުވަހަށް ލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
ބެލެވޭ ގޮތުގައި، ރައީސްގެ މި ދަތުރުފުޅަކީ އީދު ޗުއްޓީއަށް ކުރައްވާ ދަތުރުފުޅެކެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ލަންކާއަށް މިއަދު ފުރާވަޑައިގެންނެވިއިރު އެމަނިކުފާނު ވަނީ މިދިޔަ ފެބްރުއަރީ މަހު އެގައުމަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.
އެ ދަތުރުފުޅަކީ ސްރީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ދެއްވި ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންނެވިއިރު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ މިހާރު ހުންނެވީ ލަންކާގައެވެ.