ދުނިޔޭގެ ގައުމުތަކުގައި ވެރިކަން ހޯދުމަށްޓަކައި ނުވަތަ ވެރިކަން ބަދަލުކުރުމަށްޓަކައި ހުޅަނގުގެ ޑިމޮކްރަސީއާއި ހައްގުތަކުގެ ވާހަކަ ދައްކައިގެން ހުތުމުހުތާރުކަމާއި އަނިޔާވެރިކަމާއި މިނިވަންކަން ކުޑަވުމުގެ ބަހަނާތައް ދައްކަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހެމާން އާދަމް ޝަރީފް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ވެރިކަން ހޯދުމަށްޓަކައި ނުވަތަ ވެރިކަން ބަދަލުކުރުމަށްޓަކައި ވަގުތާއި ހާލަތާ ގުޅޭގޮތުން އެކި ފަހަރު ބޭނުންކުރަނީ އެކި އުކުޅު ކަމަށެވެ.
"ޝައްކެއް ނެތް ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި ވެރިކަން ހޯދުމަށްޓަކައި ނުވަތަ ވެރިކަން ބަދަލުކުރުމަށްޓަކައި ވަގުތާއި ހާލަތާ ގުޅޭގޮތުން އެކި ފަހަރު ބޭނުންކުރަނީ އެކި އުކުޅު. ގިނަ ފަހަރަށް އެކަންކަން ކުރަނީ އެ ގައުމަކާ މެދު ހަސަދަވެރިވާ ޖަމާއަތެއްގެ ނުވަތަ ގައުމެއްގެ ބައެއްގެ އެހީތެރިކަމާ އެކުގައި. ހުޅަނގުގެ ޑިމޮކްރަސީއާއި ހައްގުތަކުގެ ވާހަކަ ދައްކައިގެން ހުތުމުހުތާރުކަމާއި އަނިޔާވެރިކަމާއި މިނިވަންކަން ކުޑަވުމުގެ ބަހަނާތައް ދައްކައިގެން،" އޭނާ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަނދާންތައް އާކުރަމުންދާ އިރު، އޭގެ ފަހުން މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ވެސް ނޮވެމްބަރު ތިނެއް ފަދަ އެތައް ހަމަލާއެއް ދިވެހިރާއްޖެއަށް ކުރިމަތިވިކަން ހަނދާން ކުރަންޖެހޭ ކަމަށެވެ.
"ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އެބޭފޫޅަކަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން ސަލާމަތްވުމަށްޓަކައި ދިވެހި ސިފައިން އަބަދުވެސް ޖެހެނީ މަސައްކަތުގައި ހުޝިޔާރުވެ ސަމާލުވެ ތިއްބަވަން. އޭގެ ތެރެއިން ނިމިގެންމިދާ ރިޔާސީ ދައުރުގައި ވެސް ދިމާވި ކަންތައްތައް ގިނަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ހާދިސާތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޭނުންކުރެއްވި ހިކުމަތު އަމަލީއާއި އެމަނިކުފާނުގެ ނުގުޑާ އަޒުމާއި ސާބިތު ކަމަށްޓަކައި އެމަނިކުފާނަށް އައްސަރިބަހާއި ސާބަސް ރައްދުކުރާ ކަމަށެވެ.